އިންޑިޔާއަށް ދަތުރު ކުރާ ދިވެހިންނަށް ފޯނު ސިމް ކާޑު ލިބުން ވަރަށް ބޮޑަށް ދަތި ވެއްޖެ އެވެ.

މި ދަތިކަން ކުރިމަތި ވަނީ އިންޑިޔާ އަށް ދަތުރުކުރާ ދިވެހިންގެ ޕާސްޕޯޓްގައި ވިސާ ސްޓޭންޕް ނޯންނާތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ދިވެހި ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮންނަ ޚާއްސަ ވިސާ ވެއިވާ އެއްބަސްވުމެއް އޮވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑިޔާއަށް އެތެރެވާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އިންޑިޔާ އަށް އެތެރެވާ ދިވެހިންގެ ޕާސްޕޯޓުގައި އިންޑިޔާ އިމިގްރޭޝަން އިން ޖަހާނީ އެތެރެވާ ޑޭޓް އެކަންޏެވެ. އިތުރު ވިސާއެއް ނޯންނާނެ އެވެ. ދިވެހިންގެ ޕާސްޕޯޓުގައި މި ވިސާ ނެތޭ ބުނެފައި އިންޑިޔާގެ ސިމް ވިއްކާ ތަންތަނުން ދިވެހިންނަށް ސިމް ދޫކުރުންވަނީ ހުއްޓާލައިފަ އެވެ.

ދާދީ ފަހުން ފިތުރު ޢީދު ދުވަހު އިންޑިޔާ އަށް ދަތުރުކުރި ދިވެއްސަކު ބުނިގޮތުގައި އޭނާ އަށް އެއްވެސް ގޮތަކަށް އިންޑިޔާއިން ސިމްކާޑެއް ލިބޭ ގޮތެއް ނުވި އެވެ.

"ސިމް ވިއްކާ ތަންތަނުން ބުނަނީ ވިސާ ނެތިއްޔާ ސިމެއް ނުލިބޭނެއޭ. ނުވިއްކަން އަންގާފައޭ އޮތީ. އެ ދުވަހު ވަރަށް ގިނަ މީހުން އުޅުނު ސިމް ނެތިގެން އުނދަގޫ ވެގެން."އޭނާ ބުންޏެވެ.

ކުއްލިއަކަށް އިންޑިޔާއިން މިފަދަ ފިޔަވަޅެއް އެޅި ސަބަބު ސާފެއް ނޫނެވެ.