ދުބާއީ އަށް އިއްޔެ ވަނީ 120 މިލިމީޓަރު (4.7 އިންޗި) އަށް ވާރޭ ވެހިފައި. ވާރޭ ވެހި ދުބާއީ އެއާޕޯޓުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ވެސް ވަނީ ޑައިވާޓް ކުރަން ޖެހިފައި. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ. ޔޫއޭއީގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތަކަށް ވެސް މި ދުވަސްވަރު ދަނީ ވިއްސާރަ ކުރަމުން.

ދުބާއީ (އެޕްރީލް 17) - ޔޫއޭއީ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ ގައުމަށް އިއްޔެ އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހި، ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓް ކަމަށްވާ ދުބާއީ އެއާޕޯޓުގެ ދަތުރުތައް ވަގުތުކޮޅަކަށް ހުއްޓާލަން ޖެހިއްޖެ އެވެ.

އެހެން ދިމަދިމާލަށް ފްލައިޓްތައް ޑައިވާޓް ކުރަން ޖެހުނީ ބޯކޮށް ވާރޭވެހި އެއާޕޯޓުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުންނެވެ. އެއާޕޯޓުގެ އިތުރުން، މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ އެއްގަމު ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އާއްމުކޮށް ހޫނުގަދަ ޔޫއޭއީ އަށް އިއްޔެ ވަނީ 120 މިލިމީޓަރު (4.7 އިންޗި) އަށް ވާރޭ ވެހިފަ އެވެ.

https://www.youtube.com/watch?v=l8hkGH4iPb4

ގޭތަކާއި މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ކާރުތައް ފެނުއަޑީގައިވާ މަންޒަރުތައް ފޮޓޯތަކުން ފެނެ އެވެ. ދުބާއީ އެއާޕޯޓުގެ ޓާމެކް ހީވަނީ ކޯރެއް ހެންނެވެ. އެއާޕޯޓުގައި ފެންބޮޑުވުމުގެ ސަބަބުން އޮޕަރޭޝަންތައް ވަނީ 25 މިނިޓަށް އިއްޔެ ހުއްޓާލަން ޖެހިފަ އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ވަނީ ފުރަން ހަމަޖެހިފައިވާ 21 ފްލައިޓާއި ޖައްސަން އައި 24 ފްލައިޓް ކެންސަލްކޮށްފަ އެވެ. ތިން ފްލައިޓެއް ވަނީ އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށްފަ އެވެ. ފްލައިދުބާއީގެ ހުރިހާ އޮޕަރޭޝަނެއް ވަނީ މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް ހުއްޓާލައިފަ އެވެ.

ޔޫއޭއީ އަށް ކުރި ވިއްސާރާގައި ދުބާއީ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި. --ފޮޓޯ: ސްކައި ނިއުސް

ޔޫއޭއީގެ އިތުރުން މެދުއިރުމަތީގެ އެހެން ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ، ބަހުރޭން، އޮމާން އަދި ގަތަރަށް ވެސް މިދުވަސްވަރުު ދަނީ ވިއްސާރަ ކުރަމުންނެވެ. ވިއްސާރާގައި އޮމާނުން ވަނީ 18 މީހަކު މަރުވެފަ އެވެ. އޭގެ ތެރޭގައި ސްކޫލް 10 ކުދިން ވެސް ހިމެނެ އެވެ. އަދި ވެހިކަލެއްގެ ތެރޭގައި ތާށިވި ބޮޑު މީހަކު ވެސް ހިމެނެ އެވެ.