ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރީ މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ މިއަދު ޓްވިޓާގައި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވަކިކުރީ ކަނޑައެޅިގެން އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނުފޫޒު ފޯރުވައި، ޑިއު ޕްރޮސެސްއއެއް ނެތި ކަމަށެވެ.
"އަޅުގަނޑު އެ ވޯޓުގައި ބައިވެރިނުވީ އެހެންވެ،" އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ މެދު ޑރ. ޖަމީލް ކިތަންމެ ފާޑެއް ވިދާޅުވިޔަސް އޭނާ ހައްގުބަސް ބުނާނެ ކަމަށް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އެވެ.
ޑރ. ޖަމީލް މަގާމުން ވަކިކުރީ އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހްމަދު އަދީބު އަބްދުލްޣަފޫރު ނައިބު ރައީސް ކަމުގެ ދަހިވެތިކަމުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން ކަމަށް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ކުރަމުންދާ ތަހުގީގުން ވެސް ވަނީ ޑރ. ޖަމީލް މަގާމުން ވަކިކުރަން އަދީބު މެމްބަރުންނަށް ރިޝްވަތުދިންކަން ވަނީ ހާމަވެފަ އެވެ.