ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ދެ ދުވަސް ވެފައިވަނިކޮށް ފިނޭންސް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމިނިސްޓްރީއަށް އަލަށް އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރު އައިޝަތު އުމައިމާއަށް މަރުހަބާ ކިޔާފަ އެވެ.

ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން, މިނިސްޓަރު ފެންވަރުގައި ދެ އެޑްވައިޒަރުނާއި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ހަތަރު ބޭފުޅުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ހަތް ބޭފުޅުން މިހާރު ތިއްބަވަ އެވެ.

މީގެ އިތުރުން, ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި އެބަތިއްބެވެ. ސިޔާސީ މަގާމުތަކުގެ ތަފްސީލުތައް ސަރުކާރުން ހާމަނުކުރާތީ އެ މަގާމުތަކުގައި ތިބި މީހުންގެ އަދަދެއް ނޭނގެ އެވެ.

ފިނޭންސް މިނިސްޓަރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފައިމިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިސްތިސްނާ ހާލަތެއްގައި މެނުވީ މީހުން އައްޔަނު ނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން," ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފުސީލު ހާމަކުރަން ދެކޮޅު ހަދަމުން އަންނަ އިރު ރެކޯޑު އަދަދަކަށް ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބުނަނީ ކުރިން ބުނި ގޮތަށް 700 ސިޔާސީ މަގާމަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.