ކޮންޓްރެކްޓަ ފައިނޭންސްގެ ދަށުން ޑިޒައިންކޮށް އިމާރާތްކުރާ ގޮތަށް ހުޅުމާލެ ފޭސް 2 ގައި ތިން ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ހުޅުވާލައިފި އެވެ.

ހިއްކައިގެން އަލަށް ތަރައްގީކުރާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ސޯޝަލް ހައުސިން އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 5،000 އެއްހާ ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން 7،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެތަނުގައި މިއަހަރު މީހުން ދިރިއުޅެން ފަށާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ފިނޭންސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ. އަދި އެ ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ހިމަނާފައިވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ވަކިވަކިން ކުރިޔަށް ގެންދާ ބީލަމުގައި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އެ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް 19ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރި ކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން ހުށަހެޅިދާނެ ކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސްގެ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ 1:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އެ އިއުލާނުގައި ފޭސް 2 ގައި ހަދާ ތިން ސްކޫލަކީ ކިތައް ކުދިންގެ ޖާގައިގެ ތަނެއް ކަމެއް އަދި ކިހާ ބޮޑު މިނެއްގެ ތަނެއް ކަމެއް ބުނެފައެއް ނުވެ އެވެ.