މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހަތް ބަގީ އެއް އަހަރު ދުވަހުގެ ތެރޭގައި ހަލާކުވުމާ ގުޅިގެން އިތުރު ބަގީތަކެއް ގެނައުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ވިލިމާލޭގައި 10 ބަގީ އޮތަސް، ހިދުމަތް ފޯރުކޮށްދެވޭ ހާލަތުގައި އޮތީ އެންމެ ތިން ބަގީ ކަމަށެވެ. ބާކީ ހުރި ބަގީތައް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށްޓަކައި 10 ބަގީ ގެނެސް އެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ މާޗް 16 ވަނަ ދުވަހު އެވެ. މިއީ އޭރުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ބެއްލެވުމުގެ ދަށުން ވިލިމާލޭގައި ފެށި ހިދުމަތެކެވެ. އެކަމަކު، އެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމުގެ ގޮތުން 10 ބަގީ ގެނައި ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ ކައުންސިލަރު މުހައްމަދު ސައިފް ވިދާޅުވީ 10 ބަގީގެ ތެރެއިން ހަތް ބަގީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަލާކުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިމައްސަލައިގައި ކޮންޓްރެކްޓަރާ އެކު ޒިންމާކުރުވަންޖެހޭ ފަރާތްތައް ޒިންމާކުރުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އިތުރު މުވައްޒަފުން ވެސް ނެގުމަށް ނިންމައިފަ އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދެނީ ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ވިލިމާލޭގައި މިހާރު ވެސް އެމްޓީސީސީ ބަހުގެ ހިދުމަތް ދެ އެވެ.