ކ. ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ހަދައި އަންނަ ހަފްތާގައި އެކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން އިސްކަން ދޭނެ ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އެޅުމަށް ބަޔަކާ ހަވާލު ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ ބިން ވިއްކުމުގެ ބޭނުމަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.

ފަޒުލް ވިދާޅުވީ، އެޗްޑީސީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކަތަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށާއި އަންނަ ހަފްތާގައި ދިވެހި ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަމައެކަނި ބިން މި ވިއްކަނީ ދިވެހި ވިޔަފާރިވެރިންނަށް، ބޭރު ފަރާތްތަކަށް އަޅުގަނޑުމެން މީގެ ތެރެއަކުން ބިން ނުވިއްކާނެ، ބިން ވިއްކަނީ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއްް ދާއިމީ ގޮތެއްގައި ހައްލުކޮށްދޭން." ފަޒުލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮތީ ތިލަފުށީގެ ބިން ބިދޭސީންނަށް ވެސް ގަނެވޭ ގޮތަށެވެ. އެގޮތުން 99 އަހަރަށް ބިދޭސީންނަށް ބިން ކުއްޔަށް ދޫކޮށްފައިވެއެވެ. ތިލަފުށި 2 އިން ބިން ކުއްޔަށް ދޫކުރެވޭ ގޮތަށް މިދިޔަ މަހު އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު، އެ އިއުލާނާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވި އެވެ.

އެހެންވެ، އެޗްޑީސީން ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ.