އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް" ގެ އާ ސީޒަނެއް ފެށޭނެ ދުވަހަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އެގޮތުން އެންމެ އަވަހަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "ބިގްބޮސް އޯޓީޓީ 3" އެކެވެ. އެސީޒަން ނިމުމުން ބިގްބޮސް 18 ވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ބިގްބޮސް"ގެ އާ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނައިރު މިފަހަރު މިއޮތީ ބިގްބޮސް އާ ގުޅިގެން ތަފާތު ހަބަރެއް މީޑިއާގައި ފެތުރިގެން ގޮސްފަ އެވެ.
މިއަހަރު ގެނެސްދޭ ބިގްބޮސް 18 ވަނަ ސީޒަންގައި ބައިވެރިވުމަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ އެކި ފަންނާނުނަށް ކޯލުތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިޝޯގައި ބައިވެރިވުމަށް ކެތްމަދުވެފައިވާ ޓީވީ ބަތަލާ ކަވީތާ ވިރްމާނީއަށްވެސް ވަނީ މިފަދަ ކޯލެއް ލިބިފަ އެވެ. އަދި އޭނާ ވަނީ އެޝޯގައި ބައިރިވުމަށް 2.10 ލައްކަ ރުޕީސް ދައްކާފަ އެވެ. މިއީ މިފަހަރުގެ ސީޒަންގައި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި އަތުލި ފައިސާ އެވެ.
އެހެން ނަމަވެސް ބިގްބޮސް ޝޯ އުފައްދާ ފަރާތުން ބުނީ އެޝޯގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އެހެން ނަމަވެސް އެޝޯގައި ބައިވެރިވާ ފަންނާނުނަށް ޝޯ އުފައްދާ ފަރާތުން ފައިސާ ދެ އެވެ.
ފަހުން ކަވީތާއަށް އެއީ ސްކޭމް ކޯލެއްކަން އެކުމާއެކު އެ މައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފަ އެވެ. އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބިގް ބޮސްގެ ހޯސްޓް ސަލްމާން ޚާން ވެސް މީގެ ކުރިން ވަނީ ސަމާލުވެ މިފަދަ ސްކޭމްތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފަ އެވެ.