އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ތިން ވަނަ ސީޒަން ކެންސަލު ކުރި ވާހަކަ މީޑިއާގައި ތިލަވި ނަމަވެސް އެޝޯ ޖޫން މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބިގްބޮސް އޯޓީޓީ ސީޒަން ތިނެއް އެންމެ ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ޝޯ އުފައްދާ ފަރާތުން މިހާރު ވަނީ ޖޫން މަހު ބިގްބޮސް އޯޓީޓީ 3 ފެށުމަށް ނިންމާފަ އެވެ. މިފަހަރުގެ ސީޒަން ވެސް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ޖިއޯ ސިނަމާ އިންނެވެ.

ދެ ވަނަ ސީޒަން ހަ ހަފްތާ އާއި އަށް ހަފްތާ އަށް ގެންދީފައިވާއިރު މިފަހަރުގެ ސީޒަންވެސް ގެނެސްދޭނީ ހަ ހަފްތާ އާއި އަށް ހަފްތާ އަށެވެ. މިފަހަރުގެ ސީޒަންވެސް ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނެވެ.

"ބިގްބޮސް އޯޓީޓީ 3" ނިމުމާއެކު ބިގްބޮސް 18 ވަނަ ސީޒަން ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާ ފަންނާނުގެ މައުލޫމާތު އަދި ހާމަކޮށްފައިނުވާއިރު މީޑިއާގައި ވަނީ މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ތަރިންގެ ލިސްޓެއް އާންމުކޮށްފަ އެވެ. ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ފަރާތްތަކާއި ޓީވީ ތަރިން ތެރޭގައި މަޝްހޫރު ތަރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޓީވީ އެކްޓަރު ޝެހްޒާދާ ދާމީ އާއި ހަތުރޯން ކޭ ކިޅާލީ 12 އިން ފެނިގެންދިޔަ ޓީވީ އެކްޓަރު ޝީޒާން ޚާން އާއި ބިގްބޮސް 16 ގައި ބައިވެރިވި އެކްޓަރު ޝާލިން ބަނޮޠްގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އާއި ބިގްބޮސް 17 ގައި ބައިވެރިވި ޓީވީ އެކްޓްރެސް އިޝާ މަލްވިޔާ އާއި ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދްރާ އަދި މަޝްހޫރު ޔޫޓިއުބާ މަހޭޝް ކެޝްވާލާގެ އިތުރުން ޓީވީ އެކްޓްރެސް ޕްރަތިކްޝާ އެވެ.

ބިގްބޮސް ގޭގެ ތެރެ

ބިގް ބޮސް އޯޓީޓީގެ ކުރީގެ ސީޒަންތަކުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އޯޓީޓީ ވާޝަން ތައާރަފް ކުރީ އަސްލު ރިއަލިޓީ ޝޯގެ ފިލްޓާ ނުކުރެވޭ ވާޝަނެއްގެ ގޮތުގަ އެވެ. އަމާޒަކީ ސޯޝަލް މީޑިއާ ޖީލާއި، އިންފްލޫއެންސަރުންނާއި، ބްލޮގަރުންނާއި، ނިއުސް މެކެރުންނާ ގުޅޭ މަޝްހޫރު ފަރާތްތައް އޯޓީޓީ ޝޯއަށް ގެނައުމެވެ.

ބިގް ބޮސް އޯޓީޓީ ސީޒަން 1 ދައްކާފައިވަނީ ވޫޓް އިންނެވެ. ކަރަން ޖޯހަރު ޝޯ ހޯސްޓް ކުރިއިރު، އެ ޝޯ ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ. ސީޒަން 2 ގައި ބޮޑަށް ފޯކަސްކޮށްފައިވަނީ އޯޓީޓީ އަށް ކަމަށާއި، ޔޫޓިއުބަރުންނާއި ސޯޝަލް މީޑިއާގެ ތަރިން ބައިވެރިވި އެވެ. ޖިއޯ ސިނަމާއިން އެކްސްކްލޫސިވްކޮށް ދައްކާފައިވާ މި ޝޯ ހޯސްޓް ކުރީ ސަލްމާން ޚާން އެވެ. އެއްވަނަ ހޯދި ޔޫޓިއުބަރެއް ކަމަށްވާ އެލްވިޝް ޔާދާވް އެވެ.