މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕޭން ޖަގަހާގައި ރޯކޮށްލި މީހާގެ ބަންދަށް ދިހަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން ޖަގަހާގައި އަލިފާން ރޯކޮށްލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާ ފަރުހަތު މުހައްމަދު ކާމިޔާބު ކުރީ 1228 ވޯޓާއެކުއެވެ. އޭނާއަށް އެންމެ ކައިރިން ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އަލީ ވަހީދަށް ލިބުނީ 1136 ވޯޓެވެ.