ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ފާތިމަތު ހަބީބާ (ފާތީ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ފޮނުވި ދެ ނަމަށް ވަނީ ވޯޓަށް އަހާފަ އެވެ. އެ ދެ ނަމަކީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމެވެ.

ހަސީބު ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރަން ފެނޭތޯ ނެގި ވޯޓުން އޭނާ އެ މަގާމަށް އައްޔަން ނުކުރުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

މިކަމަށް ނެގި ވޯޓުގައި މަޖިލީހުގައި އެ ވަގުތު ތިއްބެވި 42 މެންބަރުންގެ ތެރެއިން 37 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ހަސީބު މަގާމަށް އައްޔަން ކުރުމަށް ފާސް ކުރުމަށް ބޭނުންވަނީ 19 މެންބަރުންގެ ވޯޓެވެ. ނަމަވެސް ފެންނަކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ނުފެންނަކަމަށް 19 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ސީއެސްސީގެ މެންބަރުކަމުން ފާތިމަތު ހަބީބާ އައްޔަން ކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 38 މެންބަރުން ވެސް ވަނީ އޭނާއަށް ރުހުން ދޭން ވޯޓު ދީފަ އެވެ.

ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010 އިން ފެށިގެން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަ ޖެނެރަލް އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމުން ހުސްވީ ކުރިން އެ މެމްބަރަކަށް ހުންނެވި ފާތުމަތު އާމިރާގެ ފަސް އަހަރުގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މެންބަރުކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.