ކިލިއަން އެމްބާޕޭގެ ހެޓްރިކާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި، ބާސެލޯނާ އަތުން 4-1 އިން ޕީއެސްޖީ ރަށުން ބޭރުގައި މޮޅުވެއްޖެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ 27 ވަނަ މިނިޓުގައި ލީޑު ނެގީ ބާސާ އެވެ. ޕެނަލްޓީއަކުން ބާސާ އަށް ކުރި ހޯދައިދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.
އެކަމަކު މެޗުގެ 32 ވަނަ މިނިޓުގައި ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، އެމްޕާބޭ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ޕީއެސްޖީން ލީޑު ނެގީ މެޗުގެ 65 ވަނަ މިނިޓުގައި އެމްބާޕޭ ޖެހި ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން، ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނީ ޒުވާން ފޯވަޑް މޮއިސް ކީނެވެ.
މެޗުގެ 85 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި، އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ބާސާގެ ކޯޗު ރޮނާލްޑޯ ކޫމަން ބުނީ މި މެޗުގައި ޕީއެސްޖީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.
"ބާސާ އަށްވުރެ މި މެޗުގައި ޕީއެސްޖީ ފެނުނީ މާ ވަރުގަދަކޮށް. ހާއްސަކޮށް އެމްޕާބޭގެ ބޭނުން އެ ޓީމުން ވަރަށް ރަނގަޅަށް ހިފި،" ކޫމަން ބުންޏެވެ. "ފުރަތަމަ ހާފު ދިޔައީ ވަރަށް އެއްވަރުކޮށް. އެކަމަކު ދެވަނަ ހާފުގައި ޑިފެންސްގައި މައްސަލަތަކެއް ދިމާވި."
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މެޗަށް ފަހު އެމްޕާބޭ އަށް ތައުރީފްކޮށްފަ އެވެ. އަދި މެޗުގައި ޕީއެސްޖީގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. – ބީބީސީ