ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، 'ގާލްސް ޓު ކޯޑް'ގެ ފަސްވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ.

އެގޮތުން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ 'އިންޓާނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ' އާ ދިމާކޮށް، މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ގާލްސް ޓު ކޯޑް ޕްރޮގަރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަޤްސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިންގ އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

'ގާލްސް ޓު ކޯޑް' ޕްރޮގްރާމް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމް ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ޤާބިލުކަން ލިބިގެންދާނެ އެވެ.

ހއ. ދިއްދޫއިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް 28 މެއި 2024 ގެ ކުރިން އޮންލައިން ފޯމް https://bit.ly/4aMNRqp މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށެވެ. އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެއެވެ. މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ އެވެ.

މިއީ 'ގާލްސް ޓު ކޯޑް' ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލައް ސިޓީގައި 2019ވަނަ އަހަރުގަ އެވެ. އަދި ދެ ވަނަ ޕްރޮގްރާމް ތިނަދޫ ސިޓީގައި ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމްގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ކުރިއަށް ގެންގޮސަފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގަ އެވެ.