ރާއްޖޭގެ މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދިނުމަށް ގައުމީ، އިދާރީ އަދި ފަރުދީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހުމަދު މުސްތަފާ (މުސްތޮ) ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގައި މުސްތޮފާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް މީޑިއާތަކާއި ނޫސްވެރިންނަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
އެގޮތުން ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކުރިމަތިވާ އެކިއެކި ހުރަސްތަކާއި ނޫސްވެރިންނަށް އަނިޔާ ކުރުމާއި ފުރައްސާރަކޮށް އިންޒާރު ދިނުން ފަދަ ކަންކަން ހުއްޓާލައިގެން މެނުވީ ޑިމޮކްރަސީގެ މުހިންމު އަސާސް މި ގައުމުގައި ނޯންނާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"ހަމަ އެހެންމެ ރާއްޖެއިން މަރާލާފައިވާ ދެ ނޫސްވެރިންނާއި ފަލަސްތީނުގެ ޣައްޒާއިން މަރާލާފައިވާ އެތަކެއް ނޫސްވެރިންނަށް އިންސާފު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ވެސް، މުޅި ދުނިޔޭގެ ނޫސްވެރިކަމަށް ވެސް ލިބޭ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއްކަމުގައި އަޅުގަނޑު ދެކެން،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ނޫސްވެރިކަމުގެ އެންމެ މައިގަނޑު އަސާސްތައް ކަމުގައިވާ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނީ އެ ފަރާތްތަކުގެ މާލީ މިނިވަން ހޯދުމަށް އަހަންމިއްޔަތުކަން ދީގެން ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމަށް، ގައުމީ، އިދާރީ އަދި ފަރުދީ ފެންވަރުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ،" މުސްތަފާ ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް އާއި އެހެނިހެން ގޮތް ގޮތުން ނޫސްވެރިކަމަށް ވެސް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ އިރު މީޑިއާގެ ވަސީލަތްތަކުން ފަތުރާ ހަބަރާއި މައުލޫމާތަކީ ނުފޫޒުން އެއްކިބާވެފައިވާ ސައްހަ މައުލޫމާތުތަކަށް ހެދުމަށް ސަމާލު ކަން ދޭން ޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ.