މައުތުވޮޝް ބޭނުންކުރުމުގެ ސަބަބުން އަނގަޔަށް ބޭނުންތެރި ބެކްޓީރިއާތަކަށް ބުރޫއަރައި، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ލިޔުންތައް ދައުރުވަމުންދެ އެވެ. މިއީ ތެދެއް ހެއްޔެވެ؟
ސޯޝަލް މީޑިއާގައި ފެންނަ ބައެއް ވާހަކަތަކަކީ ވަރަށް ބިރުވެރި ވާހަކަތަކެކެވެ. ގަވާއިދުން މައުތުވޮޝް ބޭނުންކުރުމަކީ އަނގައިގައި ހުންނަ ފައިދާހުރި ބެކްޓީރިއާތައް ނެތިކޮށްލާ ކަމެއް ކަމަށާއި، މީގެ ސަބަބުން ހަކުރުބަލީގެ ދެވަނަ ބާވަތާއި (ޓައިޕް 2 ޑައިބެޓީސް)، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ހިތުގެ ބަލިތަކާއި، ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރުތަކަށް މައްސަލަ ދިމާވުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް މީހުން ބުނެ އެވެ. އަނގަޔަކީ ވަރަށް ނާޒުކު ގޮތަކަށް ބެކްޓީރިއާތައް ބެލެންސްވެފައިވާ ތަނެއް ކަމަށާއި، މި ބެލެންސް ގެއްލުމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ބައެއް ދިރާސާތަކުން ވަނީ ފާހަގަކުރެވިފަ އެވެ.
ނަމަވެސް، މައުތުވޮޝްއިން މި ހުރިހާ ގެއްލުމެއް ހަމަ ހަގީގަތުގައި ވެސް ލިބިދާނެ ހެއްޔެވެ؟
މިޗިގަން ޔުނިވާސިޓީގެ ސްކޫލް އޮފް ޑެންޓިސްޓްރީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޕޫރްނީމާ ކުމާރު ވިދާޅުވާ ގޮތުގައި، އާންމުކޮށް ފިހާރަތަކުން ލިބޭ މައުތުވޮޝްއެއް މަދު ފަހަރަކު (މިސާލަކަށް ހަފުތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު) ބޭނުންކުރުމަކުން އަނގަޔަކަށް ނުވަތަ އާންމު ސިއްހަތަކަށް ގެއްލުމެއް ނުވާނެ އެވެ.
ނަމަވެސް، ވަކި ބާވަތްތަކެއްގެ މައުތުވޮޝް ދުވާލަކު އެތައް ފަހަރަކު، އެތައް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ބޭނުންކުރުމަކީ ގެއްލުން ހުރި ކަމަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ ބުރުސް ކައިރީގައި މައުތުވޮޝް ފުޅިއެއް ހުރޭ. އެކަމަކު ކޮންމެ ދުވަހަކު އެ ބޭނުންކުރަންތޯ؟ ނޫން، ކޮންމެ ދުވަހަކު ބޭނުން ނުކުރަން،" ޑރ. ކުމާރު ވިދާޅުވި އެވެ.
އާންމުގޮތެއްގައި މައުތުވޮޝް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ "ތެރަޕިއުޓިކް" މައުތުވޮޝް (ބެކްޓީރިއާ މަރާލައި، އަނގައިން ވަސްދުވުމާއި، މިލަޖެހުމާއި، ދަތް ފަނިކެއުން ފަދަ ކަންކަމަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ ތަކެތި) އަދި "ކޮސްމެޓިކް" މައުތުވޮޝް (ވަގުތީ ގޮތުން އަނގައިގެ ވަސް ރީތިކޮށްދޭ، ނަމަވެސް ބެކްޓީރިއާ މަރާލުމުގެ ބާރު ނެތް ތަކެތި) އެވެ.
ޔުނިވާސިޓީ އޮފް މޭރީލޭންޑް ސްކޫލް އޮފް ޑެންޓިސްޓްރީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ވިވެކް ތަމްބިގޭރޭ-މާތު ވިދާޅުވި ގޮތުގައި، އަނގައިގެ ސާފުތާހިރުކަމުގެ މައިގަނޑު މަގުސަދަކީ ގެއްލުންދެނިވި ބެކްޓީރިއާތައް ނައްތާލައި، ފައިދާހުރި ބެކްޓީރިއާތައް ރައްކާތެރިކުރުމެވެ. ދަތް އުނގުޅުމާއި، ފްލޮސް ކުރުމާއި، ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމަކީ މިކަމަށް އެހީތެރިވެދޭ ކަންކަމެވެ. ނަމަވެސް، ބައެއް އާ ދިރާސާތަކުން ދައްކާ ގޮތުގައި "ކްލޮރްހެކްސިޑިން" އެކުލެވޭ ތެރަޕިއުޓިކް މައުތުވޮޝް ފަދަ ބާވަތްތަކުގެ ސަބަބުން އަނގައިގެ ތަބީއީ ބެލެންސްއަށް ނޭދެވޭ އަސަރުކޮށްފާނެ އެވެ.
2020 ވަނަ އަހަރު ކުރި ދިރާސާއެއްގައި، އިނގިރޭސިވިލާތުގެ 36 މީހަކު ހަތް ދުވަސް ވަންދެން ދުވާލަކު ދެފަހަރު ކްލޮރްހެކްސިޑިން ހިމެނޭ މައުތުވޮޝް ބޭނުންކުރުމުން، އެމީހުންގެ އަނގައިގެ ބެކްޓީރިއާތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، އަނގައިގެ އެސިޑިޓީ އިތުރުވެ، ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ބެހެއްޓުމަށް އެހީވާ ބެކްޓީރިއާތައް މަދުވިކަން ފާހަގަކުރެވުނެވެ.
އާންމުކޮށް ފިހާރަތަކުން ލިބޭ މައުތުވޮޝްތަކުގައި ހުންނަ އެހެނިހެން މާއްދާތަކުން (މިސާލަކަށް ސެޓިލްޕައިރިޑިނިއަމް ކްލޮރައިޑް، އެސެންޝަލް އޮއިލްސް، ނުވަތަ ހައިޑްރޮޖަން ޕެރޮކްސައިޑް) މިފަދަ ބޮޑު އަސަރެއް ކުރާނެކަން އަދި ސާފެއް ނޫނެވެ. ނަމަވެސް، ނިއުޔޯކްގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ރިޗަޑް ނެޖާތު ވިދާޅުވާ ގޮތުގައި، ދިގު މުއްދަތަކަށް ބޭނުންކޮށްފިނަމަ މިފަދަ އަސަރެއް ކުރުމުގެ ފުރުސަތު އޮތުމުން، ވަކި މައްސަލައަކަށް ފަރުވާކުރުމަށް ނޫނީ ގިނަ ދުވަހު ބޭނުން ނުކުރުން ބުއްދިވެރި އެވެ.
އަނގައިގެ ބެކްޓީރިއާތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމަށް އަސަރުކުރާކަމުގެ ހެކިތައް ދަނީ އިތުރުވަމުންނެވެ. ޑރ. ކުމާރު ވިދާޅުވި ގޮތުގައި، އަނގައިގެ ބެކްޓީރިއާތަކަކީ ކާނާގައި ހުންނަ ނައިޓްރޭޓްސް "ނައިޓްރިކް އޮކްސައިޑް" އަށް ބަދަލުކޮށްދޭ އެއްޗެކެވެ. މިއީ ލޭ ހޮޅިތައް ފުޅާކޮށްދީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
މީގެ އިތުރުން، ގަވާއިދުން މައުތުވޮޝް ބޭނުންކުރުމާއި ހަކުރުބައްޔާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމާ ގުޅުމެއް ހުރިކަމަށް ބައެއް ދިރާސާތަކުން ފާހަގަކުރެވިފައި ވީނަމަވެސް، މިއީ ސީދާ މައުތުވޮޝްގެ ސަބަބުން ވާކަމެއްކަން އަދި ކަށަވަރުވެފައި ނުވާ ކަމަށް ޑރ. ތަމްބިގޭރޭ-މާތު ވިދާޅުވި އެވެ. އަދި އަލްކޮހޯލް ނުވަތަ ޕެރޮކްސައިޑް ހުންނަ މައުތުވޮޝްތަކުގެ ސަބަބުން އަނގައިގެ އެތެރޭގެ ނާޒުކު ހަންގަނޑަށް ތަދުވުމާއި ފާރުވުން ފަދަ މައްސަލަތައް ދިމާވެދާނެ އެވެ.
ރަނގަޅު މައުތުވޮޝްއެއް އިހްތިޔާރުކުރުން:
ޑޮކްޓަރެއްގެ ލަފާގެ މަތިން މައުތުވޮޝް ބޭނުންކުރާނަމަ، ގިނަ ކަންތައްތަކަކަށް ފަރުވާދޭ އެއްޗެއްގެ ބަދަލުގައި ވަކި ކަމަކަށް ހާއްސަ މައުތުވޮޝްއެއް އިހްތިޔާރުކުރުން ބުއްދިވެރި އެވެ.
މިސާލަކަށް ދަތް ފަނިކެއުމުގެ ފުރުސަތު ބޮޑުނަމަ ފްލޮރައިޑް ހުންނަ މައުތުވޮޝްއެއް ބޭނުންކުރެވިދާނެ އެވެ. އަނގަ ހިކޭ މައްސަލަ ހުންނަނަމަ، ކުޅު އުފެއްދުމަށް އެހީތެރިވެދޭ ބާވަތެއް ބޭނުންކުރެވިދާނެ އެވެ. ފްލޮރައިޑް މައުތުވޮޝްއަކީ ބެކްޓީރިއާ މަރާލުމުގެ ބަދަލުގައި ދަތުގެ ބޭރު ފަށަލަ ވަރުގަދަކޮށްދޭ އެއްޗަކަށްވާތީ، މިއީ ގިނަ ދުވަހު ބޭނުންކުރަން އެހެން ބާވަތްތަކަށްވުރެ ރައްކާތެރި އެއްޗެކެވެ.
އަނގަ ހިކޭ މީހުންނާއި، އަނގަ ފާރުވާ މީހުންނާއި، ދަތް ހީލިކަރުވާ މީހުން އަލްކޮހޯލް ނުހިމެނޭ މައުތުވޮޝް ބޭނުންކުރުން މުހިންމެވެ. ގިނަ މީހުންނަށް މައުތުވޮޝްއަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. ދަތް އުނގުޅުމާއި ފްލޮސް ކުރުމުގެ ބަދަލުގައި މައުތުވޮޝް ބޭނުންކޮށްގެން ނުވާނެ އެވެ.
"މައުތުވޮޝްއަކީ މުޅި އުމުރަށް ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ އެއްޗެއް ނޫން، ހާއްސަކޮށް ޑޮކްޓަރުގެ ބޭސްސިޓީއަށް ދޫކުރާ ބާވަތްތައް" ޑރ. ކުމާރު ވިދާޅުވި އެވެ.
އެމެރިކާ ހޯމްލޭންޑް ސެކިއުރިޓީ މުވައްޒަފުން މައުލޫމާތު ލީކުވެއްޖެ
ޕެންޓަގަންގެ އެންމެ އިސް މިލިޓަރީ ޕްލޭނަރު މަގާމުން ވަކިކޮށްފި