އެޕަލްގެ ފްލެގްޝިޕް ޕްރޮޑަކްޓް ކަމަށްވާ އައިފޯންގެ ވިޔަފާރި ބޮޑު ތަނުން ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން މާޗު މަހުގެ ނިޔަލަށް އައިފޯންގެ ވިޔަފާރި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ކުއާޓަރުގައި އެޕަލްއަށް 23.64 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާކިޔާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ.

މިއީ ކޮވިޑް 19ގެ ސަބަބުން އެޕަލްގެ ކާރުހާނާތައް ބަންދުކުރަން ޖެހުނު ފަހުން މިހާބޮޑަށް އެ ކުންފުނީގެ ވިޔަފާރި ދަށްވި ފުރަތަމަ ފަހަރެވެ.

މިއާއެކު އެޕަލްއިން ވަނީ ވިޔަފާރި ރަނގަޅު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން އައިފޯން ސޮފްޓްވެއާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ވިސްނަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވާދަވެރި ސެމްސަންގްއިން އެ ކުންފުނީގެ ފޯނުތަކުގައި އޭއައި ޗެޓްބޮޓްފަދަ ފީޗާތައް މިހާރުވެސް ހިމަނާފައިވާއިރު މިހާތަނަށް އެޕަލްއިން އައިފޯންތަކުގައި އޭއައި ބޭނުންކޮށްފައެއް ނުވެ އެވެ.