ސޯޝަލް އެންޒައިޓީ އަކީ ކޮބާ؟
ސޯޝަލް އެންޒައިޓީ އަކީ މިހާރަކަށް އައިސް ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ސޯޝަލް އެންޒައިޓީ އަކީ އަދާޔާ ޚިލާފަށް އިޖުތިމާއީ އެކި ކަންކަން ކުރުމަށް މީހާއަށް އުނދަގޫވުމެވެ. މާ ބޮޑަށް އެހެން މީހުން ތިބާއާ ދޭތެރޭ ވިސްނާ ގޮތާމެދު ފިކުރު ކުރެވުމެވެ. މިއީ އެންޒައިޓީގެ ވައްތަރެކެވެ. ސޯޝަލް އެންޒައިޓީ ހުންނަ މީހުންނަށް އިޖުތިމާއީ އެކި ކަންކަން ކުރުމަށް ޖެހިލުންވެ އެވެ. ޑޭޓަކަށް ދިޔުން ނުވަތަ ޕާޓީއަކަށް ދިނުން އަދި މި ނޫނަސް މީހުން ގިނަވާ ތަނަކަށް ދިޔުމުން އެންޒައިޓީ އާދެ އެވެ. އަނެއް ބައި މީހުންނަށް ފޯނުން ވާހަކަ ދެއްކުން, ކްލާހަށް ދިޔުން, އޮފީހަށް ދިޔުން ނޫނީ ރައްޓެހި ވަކި މީހަކާ ވާހަކަ ދައްކަން ޖެހުނަސް އެންޒައިޓީއާ ކުރިމަތިވެ އެވެ. ގިނަ މީހުން އެންޒައިޓީ އިން ސަލާމަތްވާން ކުރާ ކަމަކީ އުނދަގޫވާ ހުރިހާ ކަމެއް ކުރުން ހުއްޓާލުމެވެ. އެކަމަކު މިއީ ރަނގަޅު ގޮތެއް ނޫނެވެ. މިއީ ނަފްސާނީ މައްސަލައެކެވެ. އަދި މަސައްކަތުން ރަނގަޅުވެސް ކުރެވޭނެ ކަމެކެވެ.
ސޯޝަލް އެންޒައިޓީގެ ފިޒިކަލް އަލާމާތްތައް
1. ހިތް އަވަސްވުން
2. ދާހިތްލުން
3. ވާހަކަ ދައްކަން އުނދަގޫވުން ނުވަތަ ގިނައިން އާގަނެ ވާހަކަ ދެއްކުން
4. ތުރުތުރު އެޅުން
5. ނޭވާ ކުރުވުން
6. މޫނު ރަތްވުން
7. ބިރު ގަތުން
8. ހަތަރު ކަޅި ހަމަކުރަން އުނދަގޫވުން
9. ދައްކަން އުޅޭ ވާހަކަ ކުއްލިއަކަށް ހަނދާންނެތުން
ސޯޝަލް އެންޒައިޓީ ރަނގަޅު ކުރެވޭނެ ގޮތް
1. ސޯޝަލް އެންޒައިޓީ ހުންނަ ކަމަށް ގަބޫލުކުރުން: ނަފްސާނީ މައްސަލައެއް ހައްލު ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ އެ މައްސަލަ އެބަ ހުރިކަން ގަބޫލުކުރުމެވެ.
2. ޓްރިގާ ވާކަންކަން ދެނެގަތުން: އެންޒައިޓީގެ އަލާމާތްތައް ފެންނަނީ ކޮން ކޮން ކަމެއް ކުރީމަ ކަން ދެނެގަންނާށެވެ.
3. ތެރަޕިސްޓަކާ ވާހަކަ ދެއްކުން: ތެރަޕިސްޓުންނަށް އެންޒައިޓީގެ ޓްރިގާތައް ދެނެގަނެ އެކަމުން ސަލާމަތްވުމަށް އެހީތެރިވެވޭނެ އެވެ.
4. ބޭބީ ސްޓެޕްސް ނެގުން: އުނދަގޫ ކަންތައްތައް ކުރަން މަޑު މަޑުން ފަށާށެވެ. މިސާލަކަަށް މީހުން ގިނަވީމަ އުނދަގޫވާނަމަ, ދެތިން ރައްޓެހިންނާ އެކީ ވަގުތު ހޭދަ ކުރާށެވެ.
5. މެޑިޓޭޓް ކުރުން: މެޑިޓޭޝަން އަކީ ސޯޝަލް އެންޒައިޓީ މެނޭޖްކުރުމަށް ރަނގަޅު ޓެކްނިކެކެވެ.