ކޮރޯނާވައިރަސްގެ މި ޕެންޑެމިކްގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކަށް ނަރުސްކަން ކިޔަވަން ހުށަހެޅި ކުދިންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެއްޖެ އެވެ.

ޔުނިވަސިޓީ އެޑްމިޝަން ސާވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ނާސިން ކޯސްތަކަށް އެޕްލައި ކުރި ކުދިންގެ އަދަދު މިވަނީ ތިން ގުނަ (39 އިންސައްތަ) އިތުރުވެފަ އެވެ.

ޔޫކަސްގެ ޗީފް އެގްޒެކެޓިވް، ކްލެއާ މާޗެންޓް ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުގެ ތެރޭގައި ނަރުހުންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާ ގުޅޭ ވާހަކަތައް އަޑުއިވި، މީހުން މި ދާއިރާއަށް ނުކުންނަން ޝައުގުވެރިވެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ އެންއެޗްއެސް އަށް 50،000 ނަރުހުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ޔޫކަސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯސްތަކަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހުކަމަށްވާ ޖެނުއަރީ 29 ވަނަ ދުވަހާ ހަމައަށް ނާސިން ކޯސްތަކަށް 60،130 މީހުން އެޕްލައިކޮށްފައިވެ އެވެ.

މިއާއެކު ސްކޫލް ނިންމުމަށް ފަހު ނަރުހަކަށް ވާން ބޭނުންވާ މީހުންގެ އަދަދު ވެސް މިވަނީ 27 އިންސައްތަ އިތުރުވެފަ އެވެ.

ނަރުހުން ކުރާ ބުރަ މަސައްކަތް އާންމުންނަށް އެނގި ހާމަވެގެންދިޔައީ މި ޕެންޑެމިކްގެ ތެރޭގަ އެވެ. އަދި ނަރުހުންގެ އަދަދު ނިސްބަތުން މަދުކަން ވެސް އެނގިގެންދިޔަ އެވެ.

ނަރުހުން ވަނީ މި ޕެންޑެމިކް ތެރޭގައި ފުރާނަ އަތްމައްޗަށް ލައިގެން އެންމެ ކުރީ ސަފުގައި މަސައްކަތްކޮށް، އެންމެންގެ ލޯތްބާއި އިހުތިރާމު ހޯދާފަ އެވެ.