އަންނަ ބޮޑު އީދު ތިން ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ އީދު ފާހަގަކުރާނެ ތިން ރަށް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

ކަލްޗާ މިނިސްޓްރީން ބުނިގޮތުގައި އީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްރަށުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން 7 ރަށް، މެދުރާއްޖެ ތެރެއިން 10 ރަށުގެ އިތުރުން ރާއްޖޭގެ ދެކުނުން 9 ރަށެވެ.

އެ މިނިސްޓްރީން ބުނީ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އަދި މާކްސް ދިނުމުގެ ކަންކަން ނިންމާ ޢީދު ފާހަގަކުރުމަށް ކަނޑައެޅޭ ރަށްތައް ކުރިއަށް އޮތް ހަފްތާގައި އިޢުލާނުކުރާނެ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.