ރަހިމުގެ މަސްގަނޑުގައި އުފުދުނު ޓިއުމަރެއް ނެގުމަށް މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު އޮޕަރޭޝަނެއް ކޮށްފި އެވެ.
ބޮލީވުޑްގެ ޑްރާމާ ކުއީންގެ ގޮތުގައި މަޝްހޫރުވެފައިވާ ރާކީ ސާވަންތު އޮޕަރޭޝަނެއް ކުރިއަށް އޭނާގެ ކުރީގެ ފިރިމީހާ ރިތޭޝް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އޮޕަރޭޝަން ކުރި ހޮސްޕިޓަލުން ވެސް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރާކީ އޮޕަރޭޝަން ކުރަން ވެއްދުމުގެ ކުރިން ހޮސްޕިޓަލުގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. އެވީޑިއޯގައި ރާކީ ފެނިގެންދަނީ ބަލިމީހުން ހޮސްޕިޓަލުގައި ލާ ކަހަލަ ހެނދުމެއް ލައިގެން ފުރުޅުލީ ގޮނޑިއެއްގައި އިންނަ ތަނެވެ.
އެވީޑިއޯގައި ރާކީ ބުނަނީ އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް ހުރިހާ އެންމެން ދުއާ ކޮށްދިނުމަށެވެ.
ރާކީ އިއްޔެ އޮޕަރޭޝަން ކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭ ފަށައިފަ އެވެ.
ރާކީގެ އޮޕަރޭޝަންނަކީ އަސްލެއް ކަމަށް ކުރީގެ ފިރިމީހާ ރިތޭޝް ބުނާއިރު އޭނާ އެންމެ ފަހު ކައިވެނި ކުރި ކުރީގެ ފިރިމީހާ އާދިލް ބުނަނީ އެއީ ފޭކެއް ކަމަށެވެ.
އެއީ ރާކީއާ ދެކޮޅަށް އޭނާ ހުށައަޅާފައިވާ މައްސަލައަކަށް ފިލަންވެގެން ރާކީ ކުޅޭ ޑްރާމާއެއް ކަމަށް އާދިލް ބުނެ އެވެ.
ރާކީއާއި އާދިލް ކައިވެނިކުރީ 2023 ވަަނަ އަހަރުގެ ކުރީކޮޅެވެ. އާދިލް އާ ކައިވެނިކުރަން ރާކީ މުސްލިމަކަށް ވެސް ވި އެެވެ. ނަަމަވެސް އޭނާ ކައިވެނިކުރިތާ މާގިނަ ދުވަހެއް ނުވެ ވަނީ އާދިލްއާ ވަރިވެފަ އެވެ. އަދި ވަރިވުމަށްފަހު އޭނާއަށް އަނިޔާކުރި ކަމަށް ބުނެ އާދިލްގެ މައްސަލަ ރާކީ ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެެވެ. އެ މައްސަލައިގައި ފުލުހުން އާދިލް ހައްޔަރު ވެސް ކުރި އެވެ.