ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން ދައުލަތަށް މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައި ވަނީ މިދިޔަ އަަހަރުގެ އޭޕްރީލް މަހު އެވެ. މިއާއެކު މީރާގެ އާމްދަނީ ރިޕޯޓުގައި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ އަންނަނީ ހިމަނަމުންނެވެ.
މީރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ މިއަހަރުގެ އޭޕްރީލް މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިހާތަނަށް ހަތަރު މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް މި ފީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ
- ޖެނުއަރީ: 1.4 މިލިއަން ރުފިޔާ
- ފެބްރުއަރީ: 749،422 މިލިއަން ރުފިޔާ
- މާޗް : 715،400 މިލިއަން ރުފިޔާ
- އޭޕްރީލް: 1.8 މިލިއަން ރުފިޔާ
ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކާއިރު ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ފީއެއް ނަގަން ޖެހެ އެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީއެސްޓީ ވެސް ނަގަންޖެހެ އެވެ.
ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގާކަށް ނުޖެހޭނެ ކަމަށް މީރާއިން ބުނެ އެވެ.
ފީ ނެގުން އިސްތިސްނާވާ ޕްލާސްޓިކް ކޮތަޅު
- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
- ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަ".
ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެ އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާ ގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީއެސްޓީ ބަޔާނުގައި ހިމަނައި އެ ފައިސާ ދައްކަން ޖެހެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ޖީއެސްޓީ ދައްކަން ޖެހޭ ސުންގަޑި ކަމަށް މީރާއިން ބުނެ އެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް މީރާއިން ބުނެ އެވެ.