ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ރ.އަލިފުއްޓަށް ކަމަށާއި އެގޮތުން 40.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ

މި ދުވަސްވަރުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން އާދިއްތަ ދުވަހުގެ ހެނދުނު 8 އަށް 40.4 މިލިމީޓަރުގެ ވާރޭ ރ. އަލިފުއްޓަށް ވަނީ ވެހިފަ އެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށާއި ހދ. މަކުނުދޫ އަށެވެ. އެގޮތުން މާފަރަށް 40.1 މިލިމީޓަރު ވާރޭ ވެފައިވާއިރު މަކުނުދޫއަށް ވެހިފައިވަނީ 37.9 މިލިމީޓަރުގެ ވާރޭ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު މުޅި ރާއްޖެއަށް ވެސް ވަނީ ވާރޭ ވެހިފަ އެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ހިސާބުގަ އެވެ.