ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ތަރި ޓައިގާ ޝްރޮޕްގެ އެންމެ ފަހުގެ ތިން ފިލްމު ވެސް ފްލޮޕްވެފައި ވާތީ އޭނާ ފިލްމު ކުޅެދޭ އަގު ކުޑަކުރުމަށް ފިލްމު އުފައްދާ ފަރާތްތަކުން އެދިއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމު އުފައްދާ ފަރާތުން އަންނަނީ ޓައިގާ ފިލްމު ކުޅެދޭ އަގު 70 އިންސައްތައަށް ކުޑަކުރަން އެދެމުނެވެ.
ޓައިގާ ފިލްމު ކުޅެދޭ އަގު ކުޑަކުރަން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެދެނީ އެންމެ ފަހުން ޓައިގާ ފެނިގެންދިޔަ ތިން ފިލްމު ވެސް ފްލޮޕްވުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާ އަގު ކުޑަނުކުރާ ނަމަ، މި ދަނޑިވަޅުގައި ދެން ޓައިގާ ހިމަނައިގެން ބޮޑު ބަޖެޓް ފިލްމު ހެދުމުގެ ރިސްކް ނަގާކަށް ފިލްމު އުފައްދާ މީހުން ބޭނުމެއް ނުވެ އެވެ.
މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު، ޓައިގާ އެވްރެޖްކޮށް، ފިލްމަކަށް ޗާޖްކުރަމުން އަންނަނީ 25 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ފްލޮޕްވި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.
ފިލްމު "ހީރޯޕަންތީ"އިން 2014 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތުމާ އެކު ޓައިގާގެ ފިލްމީ ކުރިމަގު ކާމިޔާބުވާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. އެހެން ނަމަވެސް މިހާތަނަށް ޓައިގާ ކުޅުނު ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައި ވަނީ މަދު ފިލްމުތަކެކެވެ.
ޓައިގާ އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ އަޖޭ ދޭވްގަންގެ ފިލްމު "ސިންގްހަމް އަގެއިން" އިންނެވެ. މީގެ އިތުރުން ޓައިގާ އަންނަނީ "އީގަލް"ގެ ނަމުގައި އުފައްދާ އަދި ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.