ތެހެރާން (މެއި 20) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވިކަން މިހާރު ވަނީ އެ ގައުމުގެ ރަސްމީ ފަރާތްތަކުން ޔަގީންކޮށްދީފަ އެވެ.
މަގާމުގައި ހުންނަވަނިކޮށް އީރާނުގެ ރައީސަކު އަވަހާރަވެއްޖެ ނަމަ ދެން ކަންތައްވާނީ ކިހިނެއްތޯ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެ އެވެ. ނަމަވެސް ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް ބޭފުޅަކު އަވަހާރަވެއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތް އީރާނުގެ ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ގާނޫނުއަސާސީގެ 131 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައީސް އަވަހާރަވެއްޖެ ނަމަ ވަގުތީ ގޮތުން ރައީސްގެ މަގާމާ ހަވާލުވާން ޖެހޭނީ އީރާނުގެ ނައިބް ރައީސުންގެ ތެރޭން ފުރަތަމަ ނައިބް ރައީސް އެވެ. އެ ބޭފުޅަކަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފުރިހަމަ ތާއީދު އޮންނަން ޖެހޭނެ އެވެ. އީރާނުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅަކީ ސުޕްރީމް ލީޑަރެވެ. އީރާނުގެ ފުރަތަމަ ނައިބް ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވީ މުހައްމަދު މުޚްބަރު އެވެ. އުމުރުފުޅުން 68 އަހަރުގެ މުޚްބަރަކީ ސުޕްރީމް ލީޑަރުގެ ތާއީދު ވެސް އޮތް ބޭފުޅެކެވެ.
ރައީސަކު ހޮވުމަށް އާ އިންތިޚާބެއް ބޭއްވުމުގެ ކަންކަން 50 ދުވަހުގެ ތެރޭގައި ކުރަން ޖެހެ އެވެ. އެކަން އިންތިޒާމް ކުރަން ޖެހޭނީ ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކައުންސިލަކުންނެވެ. އެ ކައުންސިލުގައި ވެސް ފުރަތަމަ ނައިބް ރައީސް ހިމެނޭނެ އެވެ. ދެން ހިމެނޭ ދެ ބޭފުޅުންނަކީ ޕާލަމެންޓުގެ ރައީސް އާއި ޖުޑިޝަރީގެ އެންމެ އިސް ފަރާތެވެ.
އީރާނުގެ ރައީސްގެ މަގާމަށް ރައީސީ އިންތިޚާބުކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. ރިޔާސީ ދައުރު ނިމި އެ ގައުމުގައި އިންތިޚާބު ބާއްވާނީ 2025 ވަނަ އަހަރު އެވެ. ނަމަވެސް މި ދިމާވި ހާލަތާ ގުޅޭ ގޮތުން ދެން އާ ރައީސަކު ހޮވުމަށް އިންތިޚާބު ބާއްވާނެ ކަމަށް ބެލެވެނީ ޖުލައި މަސް ތެރޭގަ އެވެ.