ތެހެރާން (މެއި 21) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ އަނގޮޓިކޮޅު ހެލިކޮޕްޓަރުގެ ބައިތަކުގެ ތެރޭން ހޯދައިފި އެވެ.

ރައިސީގެ އަނގޮޓިކޮޅު، ހެލިކޮޕްޓަރުގެ ބައިތަކުގެ ތެރޭން ނަގައި ދައްކާލާ މަންޒަރުގެ ވީޑިއޯ ކްލިޕް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

ބުނެވޭ ގޮތުގައި މިއީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފަރާތްޕުޅުން ރައިސީ އަށް ދެއްވި ހަދިޔާއެކެވެ. ޚާމަނާއީ އާއި ރައިސީ އަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. އުމުރުފުޅުން 85 އަހަރުގެ ޚާމަނާއީ އަށް ފަހު އީރާނުގެ ރޫހާނީ ލީޑަރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ބޭފުޅަކީ ވެސް ރައިސީ އެވެ.

https://www.youtube.com/watch?v=rREljyIHPqU

ރައިސީ ދަތުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އާޒަބައިޖާން ބޯޑަރު ސަރަހައްދުގައި ބޭއްވި ޑޭމެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެނބުރި ވަޑައިގަތް މަގުމަތީގައި މޫސުން ގޯސްވެ ދުންފުނި ބޯވުމުގެ ސަބަބުންނެވެ. ރައިސީ ދަތުރުކުރެއްވި ބެލް 212 ގެ ހެލިކޮޕްޓަރު ވެއްޓިފައި އޮތް ތަން ހޯދީ ތުރުކީން ފޮނުވި ޑްރޯންތައް ބޭނުންކޮށްގެންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން، ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދިއުމަށް 15 ވަރަކަށް ގަޑިއިރު ހޭދަވި އެވެ.

އީރާނުގެ ރައީސް ރައިސީގެ އަނގޮޓިކޮޅު ދައްކަވާލައްވަނީ.

އީރާނުގެ ރައީސް، ރައިސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުން ދަތުރުކުރި ނުވަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި ރައިސީ އާއި ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ އާއި ތަބްރީޒް ސިޓީގެ ހުކުރު ކުރައްވާ އިމާމު މުހައްމަދު އަލީ އަލް ހާޝިމް އަދި އީސްޓް އާޒަބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހުމަތީ ހިމެނެ އެވެ. މީގެ އިތުރުން ރައީސްގެ ސެކިއުރިޓީ ޓީމުގެ ވެރިޔާ މުހައްމަދު މަހްދީ މޫސަވީ އާއި ހެލިކޮޕްޓަރުގެ ޕައިލެޓުން ކަމަށްވާ ކާނަލް މުހްސިން ދަރިޔަނުޝް އާއި ކާނަލް ސައިދު ތޯހިރު މުސްތަފާވީ އާއި ޓެކްނީޝަނެއް ކަމަށްވާ މޭޖާ ބެހްރޫޒް ގާދިމީ އަދި ރައީސްގެ ބޮޑީގާޑް ވެސް ވަނީ އެ ހާދިސާ ދުނިޔެ ދޫކޮށްފަ އެވެ.

ރައީސްގެ ކޮންވޯއީގައި ދަތުރުކުރި އިތުރު ދެ ހެލިކޮޕްޓަރު ވަނީ ސަލާމަތުން ޖައްސައިފަ އެވެ.

އީރާނުގެ ރައީސް ރައިސީގެ އަނގޮޓިކޮޅު