ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.
މި ފަހަރު ސަސްޕެންޑްކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒެވެ. އޭނާ ސަސްޕެންޑް ކުރި ސަބަބެއް ކަމަށް ސަރުކާރުގެ އޮފިޝަލަކު މީޑިއާތަކަށް ހާމަކޮށްފައި ވަނީ ސިޔާސީ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލާ ޚިލާފުވެގެން ކަމަށެވެ. ނަމަވެސް އުސޫލާ ޚިލާފަށް ޝިފާޒް ކުރީ ކޮން އަމަލެއް ކަމަށް އޮފިޝަލް ވިދާޅުވެއް ނުވެ އެވެ.
ޝިފާޒް ސަސްޕެންޑްކުރީ ކިތައް ދުވަހަށް ކަމެއް އަދި ސަސްޕެންޑްކުރި މުއްދަތުގައި މުސާރަ ލިބޭ ކަމެއް ވެސް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދު ބަސް ރައްދުވާ ގޮތަށް ޓްވިޓާގައި ވާހަކަ ދައްކައިގެން މީގެ ކުރިން ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފަ އެވެ. އެއީ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން މީހުން ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށެވެ. އެހެން އެއީ ނަމެއްގައި ކުރި ސަސްޕެންޝަނެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ތިން ޑެޕިއުޓީ މިނިސްޓަރުން އެއްވެސް މަސައްކަތެއް ނުކޮށް އެ މީހުންނަށް ދައުލަތުން މިހާރު ވެސް އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފައިވާތީ އާއްމުންގެ ފާޑުކިޔުމާއި ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އަދި ސަރުކާރުގެ ވެރިންގެ ގޮތުގައި އައްޔަންކުރާ މީހުންގެ އަޚުލާގީ މިންގަނޑަކީ ކޮބައިތޯ އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.