މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ އިތުރު މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

މިފަހަރު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލުކުރައްވާ މެންބަރު ރާފިލް މުހައްމަދު އެވެ.

ރާފިލް އިސްތިއުފާދެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމްއެމްޕީއާރުސީގެ ބޯޑު މެންބަރުގެ މަގާމަށް ރާފިލް އައްޔަންކޮށްފައި ވަނީ މީގެ ތިން މަސް ކުރިންނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ކަށަވަރެއް ނުވެ އެވެ. ރާފިލް އަކީ 2018 އިން ފެށިގެން މަޓީގެ އެގްސެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރާފިލް އިސްތިއުފާ ދީފައިމިވަނީ އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ރޭ އެ މަގާމާއި ކުންފުނީގެ ބޯޑު މެންބަރުކަމުން ރޭ އިސްތިއުފާދެއްވާފައި ވަނިކޮށެވެ.

ޑިސެންބަރު 27، 2023 ގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި ނޫރައިން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިޔަފާރި އާއި އިންވެސްޓްމަންޓާ ބެހޭ އެޑްވައިޒަރު އަދި މަޝްހޫރި ވިޔަފާވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލެކެވެ.

އޭނާ އަކީ މިހާރު ޖަނާހުގެ ކުންފުނި ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕް (ހަރިމް) ގެ ވައިސް ޗެއާ އެވެ.

ނޫރައިން އާއި ރާފިލް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭ ޓޫރިޒަމް އިޝްތިހާރު ކުރަން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކީ ފާތިމަތު ތައުފީގެވެ.