ރ. ރަސްގެތީމުގައި ފެނާއި ނަރުދަމާގެ މަސައްކަތަށް ހޮޅި ވަޅުލަން ކޮންނަމުން ދަނިކޮށް އާސާރީ ތަކެތި ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިއްޖެ އެވެ.
މިކަން ހާމަކޮށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަކެތި ފެނުމުން ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
ސަގާފީ ތަރިކައިގެ ގާނޫނުގެ ފަސްވަނަ ބާބުގެ 28 ވަނަ މާއްދާގައި ވާގޮތުން އަލަށް އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފަރާތަކުން، ނުވަތަ އެފަދަ އެއްޗެއް ފެނުނުކަން އެނގިފައިވާ ފަރާތަކުން އެކަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްގެ އިދާރާއަށް، އެ އެއްޗެއް ފެނުނުތާ 48 ގަޑިއިރުގެ ތެރޭގައި އަންގަންވާނެ އެވެ. އަދި އެފަދަ އެއްޗަކާބެހޭ މަޢުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، އެކަން 48 ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން މަރުކަޒަށް އަންގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވިގޮތުގައި މިހާރު އެ ތަކެތި ވަނީ ރައްކާތެރިކަމާއެކު ރަސްގެތީމު ކައުންސިލުގެ ބެއްލެވުމުގެ ދަށުގަ އެވެ.
މިކަމުގައި ރަސްގެތީމު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް މިނިސްޓަރު ޔުމްނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.