މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު ޖޯޑު އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު އެމީހުންގެ އާއިލީ ބަންގްލޯއަށް ބަދަލުވާ ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ އާއި ރަންބީރު އެމީހުންގެ އާ ގެޔަށް މިއަހަރުގެ ދިވާލީގައި ބަދަލުވާނެ އެވެ. އެމީހުން އެގެޔަށް ބަދަލުވަނީ އެމީހުންގެ ދަރިފުޅު ރަހާ އެކު އެވެ.
އާލިއާ އާއި ރަންބީރު ބަދަލުވާ "ކްރިޝްނާ ރާޖް" ބަންގްލޯއަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ މައިންބަފައިން ކަމަށްވާ ރާޖް ކަޕޫރާއި ކްރިޝްނާ ކަޕޫރްގެ ފަރާތުން ވާރުވެފައިވާ ގެއެކެވެ.
މި ބަންގްލޯ ޒަމާނާ އެއްގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.
މުމްބާއީގެ ޕަލީ ހިލްގައި ހުންނަ ކްރިޝްނާ ރާޖް އިމާރާތް އެއްކޮށް މިހާރު ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އިންޓީރިއާގެ މަސައްކަތްތަކެވެ.
މި ގޭގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ދޭތެރެދޭތެރެއިން އާލިއާ އާއި ރަންބީރުގެ އިތުރުން ރަންބީރުގެ މަންމަ ނީތޫވެސް ސައިޓަށް ޒިޔާރަތް ކުރެ އެވެ. މިއިން ކޮންމެ ޒިޔާރަތަކަށް ވެސް ނޫސް ރިޕޯޓަރުންގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޕޫރު އާއިލާއިން މިފަހަރު ދިވާލީ އެގޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރަންބީރްގެ ދެމަފިރިން ވަނީ އެ ގެ ރަހާގެ ނަމުގައި ރަޖިސްޓްރީކޮށްފަ އެވެ.
ކްރިޝްނާ ރާޖްގެ ނަމުގައި ހުރި މި ބަންގްލޯގެ ހަގީގީ މިލްކުވެރިންނަކީ ކުރީގެ ފިލްމީތަރި އަދި ރިޝީ ކަޕޫރުގެ ބައްޕަ ރާޖް ކަޕޫރާއި އަންހެނުން ކްރިޝްނާ ރާޖް އެވެ. ނަމަވެސް ރަންބީރު ކަޕޫރަކީ ރާޖް ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ކާފަ ދަރިފުޅަށްވުމުން މި ބަންގްލޯ ވަނީ ކާބަފައިންގެ މުދަލުން ރަންބޯރަށް ވާރުތަ މުދަލުގެ ގޮތުގައި ލިބިފަ އެވެ.
ރަންބީރް އާއި އާލިއާ މިހާރު ވެސް ހަތަރު ފްލެޓް މުމްބާއީގައި ހުރެ އެވެ. އެ ތަންތަނުގެ އަގަކީ 60 ކްރޯޑް ރުޕީސް ނުވަތަ 7.2 މިލިއަން ޑޮލަރެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ކައިވެނިކުރި ރަންބީރާއި އާލިއާއަށް ރަހާ ލިބިފައިވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ރަހާ ވެފައިވަނީ މީޑިއާގެ "ފޭވަރިޓް" ކުއްޖަކަށެވެ.