ރާއްޖެ އިން ބޭރުން އައި ޔޮޓަކުން ކ. ތުލުސްދު އަށް ކުއްތާއެއް ބޭލުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްތާ އަކީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ރާއްޖެ ގެނެވޭ އެއްޗެއް ކަމަށާއި، ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައިވަނީ ހަމައެކަނި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ޔޮޓުގައި ގެންގުޅުމަށް އެކަނި ކަމަށެވެ. އަދި ޔޮޓު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ނަމަވެސް ޔޮޓުން ކުއްތާ ނުބެލޭނެ ކަމަށް ވެސް ދީފައިވާ ހުއްދައިގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ނަމަވެސް ހުއްދަ އާ ހިލާފަށް ކުއްތާ ބޭލި މަންޒަރު ސޯޝަލް މީޑިއާގައި ވެސް މިހާރު ދަނީ ވައިރަލް ވަމުންނެވެ.

ފުލުހުން އިއްޔެ ބުނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގެ ފަތުރުވެރިންތަކެއް ތުލުސްދޫއަށް ކުއްތާއެއް ބޭލިކަމުގެ ރިޕޯޓް އިއްޔެ ލިބިގެން އެ ރަށަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްގެން އުޅޭ ކުއްތާއެއް ކަމަށް ފުލުހުން ބުންޏެވެ.

ފަތުރުވެރިއަކު އެ ކުއްތާ އުރައިގެން އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ކުއްތާއަކީ ރާއްޖޭގައި އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ. އެކަމަކު، މަސްތުވާތަކެތި އަތުލައިގަތުމަށްތަކައި ފުލުހުން ކުއްތާ ގެންގުޅެ އެވެ. އެ ކުއްތާތައް ގެންގުޅެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގަ އެވެ.

ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދުގައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރުން ހުއްދަ ނޫން ޖަނަވާރެއް އެތެރެކޮށްފި ނަމަ، އެ ޖަނަވާރެއް އަނބުރާ ފޮނުވާލެވޭނެ އެވެ. ނުވަތަ އެ ޖަނަވާރެއް ނައްތާލެވޭނެ އެވެ. އަދި އެކަމަށް ދާ ހަރަދަށް ޒިންމާވާން ޖެހޭނީ ޖަނަވާރު ގެނައި ފަރާތުންނެވެ.

މީގެއިތުރުން 50،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައި ވެ އެވެ.