ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން އަމަލުކުރާ ގޮތާއި ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ފައިސަލް މިފަދައިން ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ޝޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައި ކޯޓުން އަމަލު ނުކުރި ކަމަށް ބުނެ އެ އޮފީހުން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް މީޑިއާގައި ބުނުމުންނެވެ.
ސައްމާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފައިވާއިރު އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ޕީޖީން އެދުނު ނަމަވެސް، ހައި ކޯޓުން އެ އަމުރެއް ނުނެރުމުން ޕީޖީން ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލާފައި ސްޕްރީމް ކޯޓުން ހުކުމް ކުރީ ދައުލަތާއި އެއްގޮތަށެވެ. އަދި ހަތް ދުވަސް ތެރޭ ސައްމާހުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްވެސް ސްޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ހައިކޯޓުގެ އެ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިބުމުގެ ސަބަބުން އަޑުއެހުމެއް ނުބޭއްވި ސައްމާހު ވަނީ ބަންދުން ދޫވެފަ އެވެ.
މިމައްސަލާގެ އަޑު އެހުމެއް އިއްޔެ ބާއްވާފައިވާއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ، ޕީޖީ އޮފީހުން މީޑިއާގައި ހައިކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީން ބުނުމުން ނުރުހުން ފާޅުކުރައްވާފަ އެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރުން ނިންމާ ނިންމުމަކާއި އަމަލު ކުރާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ކަމަށްވާ ނަމަ، އެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމަކީ ހައްގެއް ކަމަށާއި އެކަމާ ފަރުވާލެއް އަދި އިއުތިރާޒެއް ވެސް ނެތް ކަމަށެވެ.
އެކަމަކު ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.
"ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް." ފަނޑިޔާރު ފައިސަލު ވިދާޅުވި އެވެ.
މީގެ އިތުރުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ހައިކޯޓުން އަމުރު ކުރި ކަމަށް ވިދާޅުވެ ސުލޫކީ މައްސަލަ ހުށަހަޅަން ވިސްނަވާ ވާހަކަ ވިދާޅުވެ ނޫސްތަކުގައި ހެޑްލައިން ހައްދަވާއިރު، ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި ކަމަށެވެ.
ފަނޑިޔާރުގެ އެވާހަކައަށް ރައްދު ދެއްވަމުން، ދައުލަތުގެ ވަކީލް ނައުޝާދު ވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ ހުކުމްގެ އެހެން ޕެރެގްރާފަކުން ސައްމާހު ބަންދުކުރީ ހަތް ދުވަހަށް ކަން އެނގޭ ކަމަށާއި އެއަށްވުރެ އިތުރަށް ބަންދުގައި ބަހެއްޓޭނީ ހައި ކޯޓުން ގޮތެއް ކަނޑައަޅައިގެން ކަމަށް ވިދާޅުވެފަ އެވެ.
"ތިޔަ ބޭފުޅުން މި ކޯޓަށް ފޮނުވި އަމުރުގައި ހަތް ދުވަސް ބަޔާންކޮށްފައެއް ނެތް. ތިޔަ ބޭފުޅުން ދޫކޮށްލައްވާފައި ހެޑްލައިން ހައްދަވާފައި މި ލިޔުއްވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް މި ކޯޓުން އަމުރު ކުރުމުން ސުލޫކީ މައްސަލަ ހުށަހަޅަން ވިސްނަވާ ވާހަކަ. އެކަމަކު ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި،" ފަނޑިޔާރު ވިދާޅުވި އެވެ.
ހަތް ދުވަހުގެ ތެރޭގައި ހައި ކޯޓަށް ސައްމާހުގެ ބަންދާ މެދު ގޮތެއް ނުނިންމުނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވީމަ ކަމަށާއި ޗުއްޓީ ކުރުކޮށް އޭނާ އެ އަޑުއެހުމަށް ވަޑައިގަންނަން ނިންމެވި ކަމަށް ފަރުހީޒާ ވިދާޅުވި އެވެ. އަދި ފަނޑިޔާރު މާނިއު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ނިންމެވި ކަމަށާއި ނަމަވެސް، ފަނޑިޔާރު ފައިސަލް ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖޭން ބޭރުގައި ކަމުން އެ ފަނޑިޔާރަށް ބައިވެރިވެވެން ނެތް ކަން އެންގި ކަމަށާއި އެހެންވެ ބެންޗު ބަދަލުކުރަން ވެސް ހުށަހެޅުއްވި ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ކޯޓުގެ އިސް ފަނޑިޔާރު ނިންމެވީ ކޯޓުގެ ހާލަތު ހުރި ގޮތުން ބެންޗު ބަދަލު ނުކުރަން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.