ރާއްޖޭގައި ޓޫރިޒަމް މިނިސްޓްރީއެއް ވުޖޫދުވިއިރު ޓޫރިޒަމް އޮތީ ދުނިޔެއަށް މަޝްހޫރުވެ، ސިނާއަތުގެ ބާރުގަދަ ނަމަކަށް ވެފަ އެވެ. އާންމުންނާ ވަކިން އެކަހެރިކޮށް، ކޮންމެ ރިސޯޓަކީ ވަކި ހޮޓަލެއްގެ ގޮތުގައި ތައާރަފުވި، ދިވެހި ފަތުރުވެރިކަމުގެ ސިނާއަތު ފެށިގެން އައީ އޭރުގެ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ކަމަށް ވިޔަސް އެމަނިކުފާނު އެ ސިނާއަތު ބައްޓަން ކުރެއްވީ ސަރުކާރާ ގުޅުމެއް ނެތް ސަތޭކަ ޕަސެންޓް ޕްރައިވެޓް ސެކްޓާ ވިޔަފާރިއެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ޓޫރިޒަމް ފެށުމަށްޓަކައި ސަރުކާރުގެ ރޯލަކަށް އޭރު ވެސްވީ އެކަމަށް ބޭނުންވާ ވަސީލަތްތަށް ގާއިމުކޮށްދިނުމެވެ. ރާއްޖޭގެ އެއާޕޯޓަކީ ސީދާ އެބޭނުމަށް ފޯކަސްކޮށްގެން އޭރުގެ ސަރުކާރުން ރައްޔިތުންގެ އެއްބާރުލުމާއެކު ލޯ ލާރިއެއްގެ ދަރަނި ވެސް އޭގައި ނުހިމަނައި ތަރައްގީ ކުރި އެއާޕޯޓެކެވެ. ހުޅުލޭގައި އޮންނަ ރާއްޖޭގެ މައި އެއާޕޯޓަކީ ރާއްޖޭގެ ޓޫރިޒަމަށްޓަކައި އުފަންވި އެ ސިނާއަތުގެ ދޮރޯށްޓެވެ. އެ ދޮރޯށްޓަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ފުރަތަމަ ތަޖުރިބާ އެވެ.
އެއާޕޯޓަކީ އުމުރުން ފުރަތަމަ ވަޒީފާ އަދާކުރި ތަން ކަމަށްވާތީ އެތަނާމެދު އަމިއްލަ ތަޖުރިބާއާއި ދެކޭގޮތަކީ މިފަދަ ލިއުމަކަށް ބާރު ފޯރާނެ ކަމެއްކަން ޔަގީނެވެ.
އެއީ މީގެ އެތައް އަހަރެއްގެ ކުރި އެވެ. މަސައްކަތް ކުރީ އިމިގްރޭޝަން ކައުންޓަރުގަ އެވެ. ބޭރުން އަންނަ މެހުމާނުންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ ޓީމުގަ އެވެ. ކުރާ ކަމަކީ ކައުންޓަރަށް އަންނަ ގެސްޓުންގެ ޕާސްޕޯޓު އަތުލައި އޭގެ ތެރޭގައި އޮންނަ އިމިގްރޭޝަން ކާޑުގެ އެންޓްރީ ގަނޑުކޮޅު ނެގުމަށްފަހު ޖެހުނުހާ ބާރަކަށް ޕާސްޕޯޓުގައި ތަތްގަނޑު ޖަހާފައި އަނބުރާ ދިނުމެވެ. ބޭރު މީހާއާ ހަތަރުކަޅި ހަމަކޮށް އަނގައިން ބުނެލާކަށް އޭރަކު ހިތްވަރެއް ނުހުރެ އެވެ. އަމުދުން ހީލާކަށް ނުވެސް ކެރެ އެވެ.
އޭރު ކައުންޓަރުތަކުގައި ޔުނިފޯމް އަޅައިގެން މަސައްކަތް ކުރި ހުރިހާ ކުދިންގެ ވެސް ހާލަކީ ވެސް އެއީ އެވެ. އެއީ ޑިއުޓީ ނިންމާފައި ފަހު ދުވަހު އޮފީހަށް ގޮސް ކުރީ ދުވަހު އެތެރެވި މީހުންނާއި ބޭރުވި މީހުންގެ މައުލޫމާތު ބޮޑު ފޮތެއްގައި ލިއުނު ޒަމާނެވެ. ކޮމްޕިއުޓަރެއް، ސްކޭނަރެއް، މެޝިނެއް، އޭރަކު ނެތެވެ.
އޭގެ އެތައް އަހަރެއް ފަހުން، އެ އެއާޕޯޓަށް މީގެ އަހަރެއްހާ ދުވަސް ކުރިން ދިއުމުގެ ފުރުސަތު ލިބުނެވެ. ޕެސެންޖަރެއްގެ ގޮތުގަ އެވެ. އެއާޕޯޓުގައި މަތިންދާ ބޯޓު ޖެއްސުމާއެކު ބޯޓުން ފައިބައިގެން ރައްދަކައަވީގައި ހިނގާފައި ގޮސް އެރައިވަލް ހޯލަށް ވަދެ ކިޔޫގައި ޖެހެން ބަލައިލީމެވެ. އެ ސަރަހައްދުގައި ތަރުތީބެއް ނެތެވެ. ފެންނަން އޮތީ މަސައްކަތު ސައިޓެއްގެ ސިފައިގަ އެވެ. ވަކި ހިސާބަކުން މަސައްކަތަށްޓަކައި ބަންދުކޮށްފައި ހުއްޓެވެ.
އެއާޕޯޓު ޒަމާނީކޮށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން އެކަން އެހެންވުމީ ވެދާނެ ކަމެކެވެ. އިމިގްރޭޝަން ކައުންޓަރުތަކާ ދިމާއަށް ދެތިން ސަފެއް ދަމާލައިފައި އޮތެވެ. އެ ސަފުތަކުގައި ތަރުތީބެއް ނެތެވެ. ބައެއް ޓޫރިސްޓުންނަށް ބައެއް ކަންތަކާ މެދު އޮޅުން އެރިޔަސް އެކަމަށް ސަމާލުކަމެއް ދޭނެ މީހެއް ނެތެވެ. ދިވެހިން ދާންޖެހޭ ކައުންޓަރު ކައިރީގައި ދެ ޓޫރިސްޓަކު ކޮންމެވެސް ކަމެއް ސާފު ނުވެގެން ގޮސް މީހަކާ ވާހަކަ ދެއްކޭތޯ އުޅުނެވެ. ކައުންޓަރުގައި ހުރި ކުއްޖާ ވާހަކައެއް ނުދައްކަ އެވެ. އިޝާރާތްކޮށްލީ ބުރުގާ އާއެކު ޔުނިފޯމު އަޅައިގެން ހުރި އަންހެން އޮފިސަރަކަށެވެ. އޭނާ ހުރީ ކަންފަތުގައި ފޯނު ޖަހައިގެން ކައުންޓަރުތައް ކާރީ ހިނގާލަ ހިނގާލަ އެވެ. ގެސްޓުން އޭނާގެ ގާތަށް ގޮސް ކޮންމެ ވެސް ޝަކުވާއެއް ނުވަތަ އޮޅުން ފިލުވަން ބޭނުން ވާހައެއް ދެއްކި އެވެ.
އެ އޮފިސަރުގެ ސަމާލުކަން ހުރީ ކަންފަތުގައި ޖައްސާފައި ހުރި ފޯނަށެވެ. އެމީހުންނާ ދިމާލަށް ބަލާލީ ފޯނުގެ މުއާމަލާތް ކުރިޔަށް ގެންދަމުންނެވެ. އެމީހުން ދެއްކި ވާހަކައަކަށް ޖަވާބު ދިނުމުގެ ގޮތުން އަތުގެ ޝަހާދަތް އިނގިލިން ވަކި ދިމާޔަކަށް އިޝާރަތް ކޮށްލި އެވެ. ގެސްޓުންގެ ހައިރާންކަންވީ އިތުރެވެ. އަނެއްކާ ވެސް އެމީހުން ކޮންމެ ވެސް އެއްޗެކޭ ބުންޏެވެ.
އޮފިސަރުގެ އަމަލުތައް ހުރީ ހަމަ ކުރިއެކޭ އެއްގޮތަށެވެ. އަނގަޔަކުން ނުބުނެ އެވެ. ކަންފަތުގައި ޖައްސާފައި ހުރި ފޯނު ދުރެއް ނުކުރެ އެވެ. ހަރުކަށި މިލިޓަރީ އޮފިސަރަކު ފަދައިން ޝަހާދަތް އިނގިލިން އިޝާރާތްކޮށް އެމީހުން ފޮނުވާލީ އެވެ. އެމީހުން ކުދި ކިޔަމުން ފަހަތަށް ހިނގައްޖެ އެވެ. އެ ހާދިސާ މިހާރު ހަނދާން ކޮށްލުމުން ދާދި ފަހުން ޑިޕާޗާ ކައުންޓަރުގައި ގެސްޓަކު އެއާޕޯޓުގެ މުވައްޒަފަކަށް ދިން ހަމަލާ ހިތަށް ސިފަ ކޮށްލެވެ އެވެ.
ކިޔުގައި ތިބި ކަސްޓަމަރުންގެ މޫނުމަތީގައި ހުރީ މާޔޫސްކަމެވެ. ޚިދުމަތް ދޭން ތިބި އޮފިސަރުންގެ ފަރާތުން ފެންނަނީ ފޫހިކަމެވެ. ހިނިތުންވުމެއް މަރުހަބާގެ ލަފުޒެއް ބުނުމެއް ނެތެވެ. އަތުން ލިޔެގެން ޓޫރިސްޓުންގެ މައުލޫމާތުތައް ރެކޯޑު ކުރި ދުވަސްވަރަކާ މާބޮޑު ތަފާތެއް ނެތެވެ.
އެ އުދާސްކަމުގެ ތެރެއިން ދިވެހިން ދާން ހުރި ކައުންޓަރަށް ގޮސް ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތަސް ވަދެވޭނެހޭ އެހީމާ އޭނާގެ ފުށުން ލިބުނީ އެދެވޭ ޖަވާބެކެވެ. ލިބުނު ޚިދުމަތާމެދު މާބޮޑު ހިތްހަމަ ނުޖެހުމެއް ނެތެވެ. އިމިގްރޭޝަން ކައުންޓަރު ހުރަސްކޮށް ލަގެޖް ހޯދުމުގެ މަރުހަލާ ނިމުނުއިރު ވެސް ގެސްޓުންގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމާއި ފޫހިކަމެވެ. އެމީހުންގެ ތެރެއިން ލަގެޖް ހޯދައިގެން ބޭރަށް ނުކުމެވުނުއިރު ދިމާވީ ރިސޯޓުތަކުގެ ރެޕުން ގެސްޓުނަށް މަރުހަބާ ކިއުމަށް އުޅޭ މަންޒަރެވެ. ބައެއް މީހުން ޔުނިފޯމުގައި އަނެއް ބަޔަކު އާދައިގެ ހެދުމުގައި އެމީހަކު ބަލާ އައި ގެސްޓުން ހޯދައި އެމީހުނަށް މަރުހަބާ ކިޔަމުން ގެންދިޔައީ ހިނިތުންވުމާއެކު ޖޯޝާ އެކުގަ އެވެ.
މަރުހަބާގެ ލަފުޒުތަކާއި ހިނިމޫނާ އެކު ބައެއްފަހަރު ގެސްޓުން ހެއްވާލުމަށް މަޖާ ވާހަކަ ދައްކަމުން އެމީހުންނާ ބައްދަލުކުރި ރެސޯޓު ރެޕުންގެ ސަބަބުން އެތައް ގަޑިއިރަކު ކުރި ދިގު ދަތުރަށްފަހު އެއާޕޯޓުގައި ދިމާވި މާޔޫސްކަމުގެ އަސަރު އެމީހުންގެ ހިތުން ފިލައިދިޔަ ކަހަލަ އެވެ. އެމީހުން އުންމީދު ކުރި ދިވެހި ރާއްޖޭގެ އުފާވެރި ޗުއްޓީ ފެށޭ ހިސާބަކީ އެއީ ކަމަށް ބެލެވިދާނެ އެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވެފައި އެ ނާރުގެ ވިންދު ރަނގަޅަށް ހިންގުމަށް ބޭނުންވާ ޚިދުމަތްތައް ހެޔޮގޮތުގައި ދޭ ބަޔަކީ ހަމައެކަނި ޓޫރިސްޓު ރިސޯޓު ހިންގާ ފަރާތް ކަމަށްވާނަމަ އެ ވިޔަފާރިއަށް ވަކި މިނިސްޓްރީއެއް މިނިސްޓަރެއް ބޭނުމެއް ނުވެ އެވެ. އިމިގްރޭޝަން ކައުންޓަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަމަޔަށް ރިސޯޓުތަކާ ހަވާލު ކޮށްފިނަމަ ޚިދުމަތް އަވަސްވެފައި ފުރިހަމަ ވާނެ އެވެ.