ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށާއި އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ދިރާސާއެއް ހަދާފައިވާ ކަމަށްވެސް މިނިސްޓަރު އަމީން ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހިދުމަތް ފެށުމަށްޓަކައި ކަރުދާހުގައި ކުރަން ޖެހޭ މަސައްކަތް އޮތީ ނިމިފައި ކަމަށާއި ނަމަވެސް ލަސްވަނީ މާލިއްޔަތު ގާނޫނުގެ ތެރޭން ނިންމަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.
އެ ހުރިހާ ކަމެއް ނިންމައި ދެ ހަފްތާތެރޭ މި ހިދުމަތް ދޭނެ ފަރާތެއް ހޯދަން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އިއުލާން ކުރެވޭނެ ކަމަށާއި އެ ހިދުމަތް ދޭނެ ރަނގަޅު ބަޔަކު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެންމެ ފަހުން ލިބިފައި އޮތް މައުލޫމާތުގައިވާ ގޮތުން މި ހަފުތާ ނިމޭއިރުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ ހަފުތާގެ މެދުތެރެޔަށް ދާއިރު ފިނޭންސް މިނިސްޓްރީން އެކަންތައް ނިންމަވާނެ. ނިންމެވުމާއެކީގައި އަޅުގަނޑުމެން އާރްއެފްޕީ އާއި ސަރުކާރުގެ ގެޒެޓުގަ އާއި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނަން. ސާކިއުލޭޓްކުރީމައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ގާބިލްކަން ހުރި ކޮންޕޯނެންޓެއް ގެނެވޭނެ ކަމަށް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.