އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން އިދިކޮޅު އެމްޑީޕީން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.
އޭނާ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
މީކާއީލް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން ސީދާ ގާނޫނަށް ގެންނަ ބަދަލުން އެ ފިޔަވަޅު އަވަސްކުރުމަށް ނިންމީ ކަމަށެވެ.
އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.
މެދުކެނޑުމަކަށްފަހު މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އެ އުދުވާނީ ހަމަލާތަކުގެ ސަބަބުން 80،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ ބަލި ހާލަތުގައި އަދިވެސް އެބަތިއްބެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.