ދުނިޔޭގެ ރީތީގެ ރާނީ ހޮވުމަށް ބާއްވާ މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ބައިވެރިވުމަށް އާޖެންޓީނާގެ 60 އަހަރުގެ އަންހެނަކު މަސައްކަތް ފަށައިފި އެވެ.

އަލެހެންދްރާ ރޮޑްރިގޭޒް ނަމަކަށް ކިޔާ އެ މީހާ ވަނީ އާޖެންޓީނާގެ ޕްރޮވިންސްތަކުގެ މެދުގައި ބޭއްވި މިސް ޔުނިވާސްގެ މުބާރާތުން ވެރިރަށް ބިއުނަސް އެއިރީޒް ތަމްސީލުކޮށް އެއްވަނަ ހޯދައިފަ އެވެ.

އެއަށްފަހު ގައުމީ ފެންވަރުގައި ވާދަކޮށް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު މެކްސިކޯގައި ދުނިޔޭގެ މިސް ޔުނިވާސް ޕެޖެންޓުގައި ބައިވެރިވުމަށް ވެސް އަލެހެންދްރާ އުއްމީދު ކުރެ އެވެ.

އަލެހެންދްރާގެ ފޮޓޯތައް މިހާރު މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާއަކީ އެހާ އުމުރުން ދުވަސްވެފައިވާ މީހެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

މިސް ޔުނިވާސް މުބާރާތުގައި މީގެ ކުރިން ގެންގުޅުނު ހަރުކަށި ގަވާއިދުތައް އުވާލާފައިވާއިރު މިހާރު މައިންނާއި ކައިވެނި ކޮށްގެން އުޅޭ އަންހެނުން ވެސް އެ މުބާރާތުގައި ބައިވެރިވެ އެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރު އެ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މުބާރާތުގައި ބައިވެރިވެވޭ އުމުރު އުވާލުމާއެކު މިއަހަރުގެ މުބާރާތުގައި އުމުރުން ދުވަސްވީ ބައިވެރިން ވެސް ފެންނާނެ ކަމަށް ލަފާކުރެވެ އެވެ.