ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ފަރްހާން އަހްތަރު ޑައިރެކްޓްކުރަން އުޅޭ ފުރަތަމަ ފިލްމު 'ޖީ ލޭ ޒަރާ' އަށް އެކްޓަރުން ހޯދުގެ މަސައްކަތް ފަށައިފި އެވެ.
ތިން އަންހެނެއްގެ ރޯޑް ޓްރިޕެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ތަރިންނަކީ ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި 2011 ގެ "ޑޮން 2" ގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ފަރުހާނާ އެކު 2011 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގައި ރޯލެއް ކުޅުނު ކެޓްރީނާ ކައިފްގެ އިތުރުން ފަރުހާނާ އެކު މުޅިން އަލަށް މަސައްކަތްކުރާ އާލިއާ ބަޓް އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގައި ފެނިގެންދާ ތިން ބަތަލާއިންނަށް ތިން އެކްޓަރުން ހޯދުމުގެ މަސައްކަތް ފަރުހާން އަންނަނީ ކުރަމުންނެވެ.
ފަރްހާންގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ފަރްހާން ބޭނުންވަނީ ފިލްމުގެ ފިރިހެން ލީޑު ރޯލު ކުޅެން އޭ ލިސްޓު ތަރިނެވެ. ނަމަވެސް ލީޑު ރޯލުތަކުން އޭ ލިސްޓު އަންހެން ތަރިން ފެންނަ ފިލްމުތަކުގައި ފިރިހެން ލީޑު ރޯލު ކުޅެން އޭ ލިސްޓު ތަރިން އެއްބަހެއް ނުވެ އެވެ. އެހެންވެ "ޖީ ލޭ ޒަރާ" އަށް މަޝްހޫރު ތިން އެކްޓަރަކު ގެނައުމަށް ފަރުހާން ކުރަން ޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު، އުނދަގޫ މަސައްކަތަކަށް ވާނެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރު އިއުލާންކުރި "ޖީ ލޭ ޒަރާ" ގެ މަސައްކަތް ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އިރު، މި ފިލްމުގެ ޝޫޓިން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ޝޫޓިން ފަށާނެ ތާރީހެއް އަދި މިފިލްމާ ބެހޭ އިތުރު ތަފްސީލެއް ފަރްހާނެއް ހާމަކޮށްފައެއް ނުވެ އެވެ.
"ޖީ ލޭ ޒަރާ" ގެ ކުރިން ފަރުހާން މިދިޔަ އަހަރު އިއުލާންކުރި "ޑޮން 3" ގެ މަސައްކަތް ފަށާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަންވީރު ސިންގް އާއި ކިއާރާ އަދުވާނީ ލީޑް ކުޅޭ ފިލްމުގެ ޝޫޓިން އޮގަސްޓްގައި ފަށާނެ އެވެ.