ޒުވާން ތަރި ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ޗަންދޫ ޗެމްޕިއަން" ރިލީޒް ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެ ފިލްމުގެ ޕްރޮމޯޝަންތައް މިހާރު ވަނީ ފަށައިފަ އެވެ.

ސާޖިދު ނަޑިއާވާލާ ޕްރޮޑިއުސްކުރާ އެ ފިލްމު އިތުރަށް ޕްރޮމޯޓް ކުރުމަށް ފިލްމުގެ ޓީމުން މިހާރު ވަނީ ބޮޑު ޕްލޭނެއް ރާވައިފަ އެވެ.

އެގޮތުން އަންނަ ހަފްތާގެ ތެރޭގައި، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާގެ ލެޑް ސްކްރީންގައި ޗަންދޫ ޗެމްޕިއަންގެ ފެނިލުމެއް ފެންނާނެ އެވެ.

އެއާއެކު ކާތިކް ވެގެންދާނީ ބުރުޖް ޚަލީފާއިން މިފަހަކަށް އައިސް ފެންނަ ބޮލީވުޑްގެ ދެވަނަ ފަންނާނަށެވެ. މީގެ މަސްތަކެއް ކުރިން ޝާހްރުކް ޚާންގެ ޖަވާން ވެސް ވަނީ ބުރުޖް ޚަލީފާގައި އިސްތިހާރު ކޮށްފަ އެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ޗަންދޫ ޗެމްޕިއަންއަކީ ކަބީރު ޚާން ޑައިރެކްޓްކޮށް ގެނެސްދޭ މުޅިން ތަފާތު ފިލްމެކެވެ.