ދަރިންނާއި އާއިލާއާ ގާތް ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް ކަމަށް ބުނެ ޖެނިފާ ލޮޕޭޒްގެ "ދިސް އިޒް މީ" ލައިވް ޓުއާ ކެންސަލްކޮށްފި އެވެ. މިކަން ވަނީ ޓިކެޓް ވިއްކި ކުންފުނި ކަމަށްވާ ޓިކެޓް ނޭޝަންއިން ހުކުރު ދުވަހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި ޓިކެޓް ގަތް މީހުންނަށް ރީފަންޑް ލިބޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ޓުއާ ކެންސަލްކުރުމާ ގުޅިގެން ޖޭލޯ ވަނީ ފޭނުން ކިބައިން މާފަށް އެދިފަ އެވެ. އަދި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ނަމަ އެކަން ނުކުރީސް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ޓުއާ އަކީ ޖޭލޯގެ 9 ވަނަ އަލްބަމް ޕްރޮމޯޓްކުރުމަށް ރޭވުނު ޓުއާއެކެވެ. މިއީ 5 އަހަރު ފަހުން އޭނާ ނެރުނު އަލްބަމެކެވެ.

މި ޓުއާ ކެންސަލްކުރީ ޓިކެޓް ސޭލްސް ރަނގަޅުނޫންވީމަ ކަަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޓުއާ ކެންސަލްކޮށްފައި ވަނީ ޖޭލޯ އާއި އެނާގެ ފިރިމީހާ ބެން އެފްލެކް ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ. ޓުއާ ކެންސަލްކުރީ މި ސަބަބަށްޓަކައި ކަމަށް ވެސް ވާހަކަ ވަނީ ދެކެވިފަ އެވެ.

ޖޭލޯ ވަނީ ބެން އާ ވަރިވާން އުޅޭކަމުގެ ޚަބަރުތައް ދޮގުކޮށްފަ އެެވެ.