ކާބަފައިން އަބަދުވެސް ދެއްކި ރީތި މިސާލުން މިއަދު މިއޮތީ އިބުރަތް ޙާސިލްކުރަން ޖެހިފަ އެވެ. ދިވެހި ގައުމުގެ މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރަކު އެ ކާބަފައިންގެ ލެޔާ ފުރާނަ ޤުރުބާންކޮށް މި ދިވެހި ފަސްގަނޑު ސަލާމަތްކޮށްދެއްވި ގޮތެވެ.

ދިވެހިންގެ ތެރެއިން މަދުބަޔަކު އަޑީގައި ތިބެގެން ދިވެހި ގައުމުގެ މިނިވަންކަން ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް ކުރި އެތަކެއް މަސައްކަތް ނާކާމިޔާބުކޮށް މުހައްމަދު ތަކުރުފާނާއި ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދެވެ. ނޮވެމްބަރު ތިނެއްގައި ދިވެހި ގައުމަށް ނަސްރު ހޯދާ ދިނުމަށް ދިވެހި ސިފައިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ އެވެ. މި ދިވެހި ބިމަށް އޮހޮރިގެން ދިޔަ ކޮންމެ ލޭތިއްކެއްގެ އެ ބުނެދެނީ ދިވެހި ދަރިން މި ފަސްގަނޑު ދެކެވާ ލޯތްބާއި ކުލުނެވެ. އަގު ނުކުރެވޭ ޖިހާދެވެ.

މިއަދު މީ އެ ދުވަހެއް ނޫނެވެ. އެ ޒަމާނެއް ނޫނެވެ. ގައުމު އަޅުވެތިކޮށް މިނިވަންކަން ނަގާލުމަށް ކަނޑިބަޑި ހިފައިގެން އައިސް ހަނގުރާމަ ކުރަންޖެހޭ ދުވަހެއް ނޫނެވެ. ގައުމަތައް އަޅުވެތި ކުރުމަށް ބޮޑެތި ބާރުތަކުން ގެންގުޅޭ އިސްތިރާޖީ އުކުޅުތައް މިހާރު މިވަނީ މުޅިން ބަދަލުވެފަ އެވެ. މިހާރު ގައުމުތައް އަޅުވެތިކޮށް ބިކަކޮށް ނިމެތިވެ މިނިވަންކަން ގެއްލި ބައެއްގެ ފައިބުޑަށް ގެނައުމަށް މަސައްކަތް ކުރަނީ ފިކުރީ ގޮތުންނާއި އިގްތިސާދީ، މާލީ އެހީގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ. ރައްޔިތުންނަށް ނޭނގި އޮޅުވާލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިންނެވެ.

ސުވާލަކީ މިހާރު މިފަދަ އަޅުވެތިކަމަކުން ގައުމު ސަލާމަތްކުރަން ތެދުވުމަށް ހިތްވަރު ހުރި ކިތައް ދިވެހިން މި ފަސްގަނޑުގައި އެބަ ތިބި ހެއްޔެވެ؟. އަދި މިކަން ވިސްނޭ ކިތައް ދިވެހި ރައްޔިތުން އެބަތިބި ހެއްޔެވެ؟

އިއްޔެ ރާއްޖޭގެ ތާރީޚުގައި ކަޅު އަނދިރި ސަފްޙާއެއް ލިޔެވުނު ހިތާމަވެރި ދުވަހެކެވެ. މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ކޯސްޓުގާޑުގެ ޑޮކްޔާޑެއް ބިނާކުރުމާ ގުޅޭ ސިއްރު އެއްބަސްވުމެއްގައި ސޮއިކުރި، ކަޅު ސަފްހާއެއް ފެށުނު ދުވަހެވެ. މިކަމަކީ ރޭވިގެން ވަކި ޕްލޭނެއްގެ ދަށުން ރާއްޖެ އަޅުވެތިކުރަން ކުރާ އިންޑިއާ އިން ކުރާ މަސައްކަތުގެ ސިލްސިލާ ބޮޅުތަކުގެ ތެރެއަށް އިތުރުވި ބިރުވެރި ބޮޅެކެވެ.

ހައިޑްރޯގްރެފިކް ސާވޭ ދަތުރެއްގައި ރާއްޖެއައި އިންޑިއަން ނޭވީ ޝިޕް

ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސިފައިން ދަނީ އެކި ނަންނަމުގައި ޙަރަކާތްތެރިވަމުންނެވެ. ހެލިކޮޕްޓަރު ދުއްވުމާއި، މަރާމާތު ކުރުމާއި، އައްޑޫގައި އިމާރާތްކުރާ "ޓްރެއިނިން ސްކޫލްގެ" ފަންނީ މަސައްކަތް ކުރުމާއި ހަނިމާދޫ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓް ހިންގުމަށް "ތާރުއަޅަން" އައި މީހުންނާއި "ފަންނީ" މީހުން ބަލަހައްޓަން އަންނަ "ފަންނީ" މީހުންނާއި މިކަހަލަ އެކިއެކި ނަންމުގަ އެވެ. އެއީ އިންޑިއާގެ މިލިޓަރީ ސިފައިން ނޫންކަން ދިވެހި ސަރުކާރަށް ބުނެނުދެވުނު ނަމަވެސް ހަމަ ބުއްދިއާއި ސިކުނޑި ދެއްވާފައިވާ ކޮންމެ އިންސާނަކަށް މިވާގޮތް ރަނގަޅަށް އެނގެ އެވެ. މިކަންކަމަށް ވެފައިވާ އެއްބަސްވުމެއް ހާމަ ނުކުރެވެ އެވެ. އަދި މިކަންކަމުގައި ޙަރަކާތްތެރިވާ "ޓެކްނިކަލް" މީހުންގެ އަދަދު ވެސް ސަރުކާރަށް ހާމަކުރެވޭކަށް ނެތެވެ. އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވީމަ ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ އެތައް ޝަކުވާތަކާއި ކަންބޮޑުވުންތައް އޮހެމުން ދަނިކޮށް އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑެއް ބިނާކުރުމަށް އިންޑިއާއާއެކު އެއްބަސްވީ އެވެ.

އުތުރުތިލަފަޅުގައި ތަރައްގީ ކުރަނީ އަސްކަރީ މަރުކަޒެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނި ކަމަށް ވިޔަސް އަދި އެއީ ޑޮކްޔާޑަކާއި ބަނދަރެއް ކަމަށާއި، އެތަނުގައި އަސްކަރީ އެއްވެސް ބަޔަކު ތިބޭގޮތަކަށް އޮތް ތަނެއް ނޫން ކަމަށް ބުންޏަސް އެތަން ތަރައްގީ ކުރަނީ ކޮންތަނެއްގެ ކޮން ޓެކްނިކަލް ޓީމަކުންކަން ދިވެހި އަސްކަރިއްޔާއަކަށް ބުނެއެއް ނުދެވެ އެވެ. އެތަން ތަރައްގީ ކުރުމަށްފަހު، ޓެކްނިކަލް ސަޕޯޓު ބޭނުން ވެއްޖެނަމަ، ބޭނުންވި މިންވަރަކަށް، ބޭނުންވި ވަގުތަކު ލިބޭގޮތަށް އިންޑިއާ ސަރުކާރާއެކު އެއްބަސް ވެފައިވާއިރު އެއެއްބަސްވުން ރައްޔިތުންނަށް ހާމައެއް ނުކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިކަން ކުރުމަށް އިންޑިއާއިން ހުށައެޅި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކޮށްފައެއް ނުވެ އެވެ.

ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގެ ޕްރޮޖެކްޓާ ބެހޭ ކުރެހުމެއްގެ ތަފުސީލް ސިފައިންގެ އިސް އޮފިސަރަކު ކިޔައިދެއްވަނީ.

ކޮންމެއަކަސް އިންޑިއާގެ "ޓެކްނިކަލް" މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން "ޓެކްނިކަލް" މަސައްކަތްތައް ކުރަމުންދަނީ އެވެ. އިންޑިއާގެ ދީލަތި އެހީގެ ދަށުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ތަންތަންކޮޅާއި ޖެޓީ ކުލަކެހިފައިވާ ތަންތަނުގެ ކުލަކޮޅު ލާދިނުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްދަނީ އެވެ.

ދެތިން ހަތަރު ފަހަރު މަޝްރޫއުތައް އިފްތިތާހުކޮށް އިންޑިއާއިން ރާއްޖެއަށް "އެހީގެ ލޯނު" ވެސް ދެމުންދަނީ އެވެ. ހައިޑްރޮގްރަފީ ސާވޭ ކުރުމުގެ ނަމުގައި ރާއްޖޭގެ ކަނޑުއަޑީގެ ހުރިހާ ސިއްރުތަކެއް ހޯދާދެނީ ވެސް އިންޑިއާއިންނެވެ.

ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ އެންމެ އެހީތެރިވާ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުންނެވެ. މިކަންކަމުގައި ފުރަތަމަ ޚަބަރުތައް ފެންމަތިވަނީ ވެސް އެ ގައުމުގެ ނޫސްތަކުންނެވެ. ނުވަތަ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ފަރާތްޕުޅުންނެވެ. އެހާވެސް ދެ ގައުމުގެ ގުޅުން ގާތެވެ. "އެއް ދޫންޏެއްގެ ދެ ފިޔަގަނޑެވެ." ސަފީރު ވެސް ހަމަ އެހާ ހެޔޮފުޅެވެ.

ތިލަފުށީ ބްރިޖް މަޝްރޫއަށް އިންޑިއާއިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ދެ ގައުމުން ސޮއިކުރަނީ. ފޮރިން މިނިސްޓްރީ

މުއައްސަސާތަކާއި ކުންފުނިތަކާއި މިނިސްޓްރީތަކަށް ވަޑައިގެން އެތަންތަން ހިނގަމުންދާގޮތް ވެސް ބަރާބަރަށް ބައްލަވާ ހައްދަވަ އެވެ. މިއީ ދުވަހަކު މި ގައުމުގައި ހުންނެވި ސަފީރަކު އުޅުއްވި ގޮތެއް ނޫނެވެ. އަދި ދުނިޔޭގެ އެހެން ގައުމަކުން ވެސް ފެނުނު މަންޒަރެއް ނޫނެވެ. އިންޑިއާ އާ ނުލައި ރާއްޖެ ނެތް ފަދަ އެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ވެސް އިންޑިއާ ވަރެއް ނެތެވެ. ސަނާ ކިއުމުގައި ވެސް ހައްދެއް ނެތެވެ. ހީވަނީ ދިވެހިންނަކީ ދުވަހަކު ވެސް ތަރައްގީވެފައިވާ ގައުމެއް ލޮލަށް ނުފެންނަ ބައެއް ކަމަށެވެ.

މ. ކޮޅުފުށީގައި ހައެއްކަ މަގު ބައްތި ޖެހުމަށްފަހު އެ މަޝްރޫއު ނިމުން ފާހަގަކުރަން ފޮރިން މިނިސްޓްރީގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި ކޭކު ވެސް ފެޅީ އެވެ. އިންޑިއާގެ "ހެޔޮފުޅުކަން" ދިވެހިންނަށް ދެއްކުމަށެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

އައްޑޫގައި ތަރައްގީކުރާ "ތަމްރީނު މަރުކަޒުގެ" ދެ ފަރާތުން އޮއި ދެމޭގޮތަށް ހިތަދޫ ކޮޅުންނާއި މަރަދޫ ކޮޅުން އިންވަކިކޮށް ލިންކް ރޯޑު ބަދަލުކޮށްގެން ނޫނީ ތަމްރީނުތައް ފުރިހަމަ ނުކުރެވޭހާ ވެސް އެތަން ވަރުގަދަ އެވެ. ޓްރެއިނިން ސެންޓަރެއްގެ ނަމެވެ. މިތަނުގެ ހަގީގަތް ވެސް މިހާރު މިދަނީ މަޑުމަޑުން ފާޅުވަމުންނެވެ. އޭގެ އިތުރުން އުތުރުން ހދ. ހަނިމާދޫގައި ޑޯނިއާ ފްލައިޓެއް ބާއްވައިގެން އެތަނުގައި އެތައް އިންޑިއާ ސިފައިނެއް ވަނީ ސްޓޭޝަންކޮށްފަ އެވެ.

ކޮންމެ ގައުމަކުން ވެސް ދީލަތި އެހީއެއް ދީފި ނަމަ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ އެވެ. އެއީ ވަކި ގައުމަކުން ވީތީއެއް ނޫނެވެ. ނަމަވެސް ރާއްޖެއާއި ޗައިނާއާ ދެމެދު ރައީސް ޔާމީންގެ ސަރުކާރުގައި ކުރެވުނު މުއާމަލާތްތަކާއި ޗައިނާއިން ރާއްޖެއަށް ދިން އެހީތައް މިހާރު ވެރިކަމުގައި އޮތް އެމްޑީޕީން ބަލައިގަތީ އަޅުވެތި ކަމެއްގެ ގޮތުގަ އެވެ. ޗައިނާ ވީމަ އެމްޑީޕީއަށް ގޯސްވީކަން މިހާރު އެބަ އެނގެ އެވެ.

ރާއްޖޭގައި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހދ. ހަނިމާދޫގައި.

ޗައިނާއިން ރާއްޖޭގައި މިލިޓަރީ ބޭސް ގާއިމުކުރަން އުޅޭކަމާއި ރައީސް ޔާމީން ރާއްޖޭގެ ރަށްތަކެއް ޗައިނާއަށް ވިއްކާލައިފިކަމަށް ބުނެ އެތަކެއް ދޮގު ވާހަކަތަކެއް ދެއްކި އެވެ. ނަމަވެސް އެމްޑީޕީން ވެރިކަމަށް އައިސް ޗައިނާއަށް ވިއްކާލި އެންމެ ރަށެއް ވެސް ނުދެއްކުނެވެ. އަދި އެ ރަށްތަކުގެ ނަމެއް ވެސް ހާމައެއް ނުކުރެވުނެވެ. އަދި އެ މިލިޓަރީ ބޭހެއް ވެސް ނުދެއްކުނެވެ.

އޭރުވެސް ދިވެހި ސަރުކާރުން ޗައިނާއާއެކު އަސްކަރީ އަދި ދީފާއީ އެއްބާރުލުން ދިނުމާ ބެހޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނެތެވެ. އަދި އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ޙަރަކާތްތެރިވުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރި އެއްބަސްވުން އާ ނުކޮށް އެ ހެލިކޮޕްޓަރުތައް ގެންދިއުމަށް ވެސް އެދުނެވެ. މިކަންކަމާގުޅިގެން ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ނުތަނަވަސް ކަމެއް އުފެދުނު ކަމުގައި ވިޔަސް އެގުޅުން އިތުރަށް ބަދަހި ވެގެން މިދަނީ ބުނެވޭގޮތުގައި އެ ބޭފުޅުންގެ ވެސް މަދަދުވެރި ކަމާއެކު ގެނައި ސަރުކާރުގެ ސަބަބުންނެވެ.

ކޮންމެ ގައުމަކާ އެކީވެސް ގުޅުން ބަދަހި ކުރުން މުހިއްމެވެ. ނަމަވެސް ގޭތެރެ ނިވައި ކުރަން ޖަހާފައިވާ ކަމަށް އެ ބުނާ "ފަންފުޅަފި" އެއްކޮށް ނަގާ އެއްލާލީމާ ގޭތެރެ އޮންނާނީ ދިމާއަށް ފެންނާށެވެ. ބޭނުން ބަޔަކު ވަދެ ނިކުމެ ހަދަންވީ އެވެ. ބޭނުން އެއްޗެއް ހިފައިގެން ދާންވީ އެވެ. ބޭނުން އެއްޗެއް ގެނެސް ވައްދަންވީ އެވެ. މިއަދު މި ގައުމުން ފެންނަން އޮތީ މިޙާލަތެވެ. އިންޑިއާ އިން މަކަރުވެރި އެޖެންޑާއެއްގެ ދަށުން ރާއްޖޭގެ މިނިވަންކަން މަޑުމަޑުން ފޭރެމުންދަނީ އެވެ. ހިލޭ އެހީ އާއި މަޝްރޫއުތަށް ފައިސާ ދިނުމުގެ ތެރެއިންނެވެ.

އަވަށްޓެރި އެހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ އަޅުވެތިކަމާއި ދިމާލަށް ރާއްޖެ އަލުން މިސްރާބު ވެސް ހިފާފައިވާ ތަނެވެ. ރާއްޖެއަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމު ކޮށްފައިވާ ގައުމެއްކަން ރަސްމީކޮށް އިއުލާން ނުކުރި ކަމުގައިވިޔަސް އެކަން ހިނގަމުންދަނީ އެބީދައިންނެވެ. ގިނަބަޔަކަށް މިވަނީ ކީއްކަން ނޭނގި އެވެ. ނަމަވެސް ދިވެހންނަކީ އެހާ ތަންދޮރު ނޭނގޭ ބައެއް ކަމަށް ހީކުރަނީ ހެއްޔެވެ؟ ދުނިޔޭގެ އޮޔާވައި ހިނގަމުންދާ ގޮތް ނޭނގޭނޭ ގަމާރު ބައެއް ކަމަށް ހީކުރަނީ ހެއްޔެވެ؟ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިވެހިންގެ އަތުން ބީވެގެންދާއިރު މިއަދު ހަމަ ބަހެއް ނުބުނެ ތިބޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާ ސިފައިންގެ އިސް ބޭފުޅަކާއެކު

އިންޑިއާއިން ރާއްޖެއަށް މަޑުމަޑުން އަތްގަދަކޮށް، އެ ގައުމުގެ ސްޓޭޓެއް ގޮތަށް ބަދަލުކުރަން މަސައްކަތްކުރާއިރު، ދިވެހި ސިފައިންގެ ބައެއް އިސް އޮފިސަރުން ވެސް ދަނީ ދިވެހިންނަށް އޮޅުވާލަން މަސައްކަތްކުރަމުންނެވެ. ގައުމުގެ މިނިވަންކަން ދިފާއުކުރަން ދިވެހި ސިފައިން ކުރި ހުވަޔާ ހިލާފުވެވޭނީ މިހާ ވަރަކަށް ނޫން ހެއްޔެވެ؟

ދިވެހިން އަބަދުވެސް ގޮވަމުން މިދަނީ ދިވެހި އެންމެ ފުރަތަމަ ގައުމު އިސްކުރުމަށެވެ. ގައުމުދެކެ ލޯބިވުމަށެވެ. ގައުމަށް ޣައްދާރު ނުވުމަށެވެ. ނަމަވެސް ގައުމުގެ މިނިވަންކަން އިންޑިއާއިން ސިއްރުވެރި އެޖެންޑާއެއްގެ ދަށުން، މަޑުމަޑުން ފޭރެމުންދާއިރު އެއްވެސް އެއްޗެއް ނުބުނެ އެނގޭކަމަށް ވެސް ނަހަދާ ހަނު ތިބުމަކީ ގައުމަށް ޣައްދާރުވުން ނޫން އެހެން ކޮންއެއްޗެއް ހެއްޔެވެ؟ އޭރުން ނޮވެމްބަރު ތިނެއްގެ ޚާއިނުންނާއި ޕޯޗްގީޒުންނާއި އަނދިރި އަނދިރިންގެ ވާހަކަ އަހަރެމެން ދައްކާނީ ކޮން އަނގަޔަކުން ހެއްޔެވެ؟ އަންނަން އޮތް ޖީލުތަކަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟