ފުވައްމުލަކު ހޮސްޕިޓަލުގައި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލައިގައި ފުވައްމުލަކު ހޮސްޕިޓަލާ ދެކޮޅަށް ކުރާ ދައުވާގެ ފުރަތަމަ އަޑު އެހުން މާދަމާ ސިވިލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ސަދާ ނިޔާވި ހާދިސާގައި ފުވައްމުލައް ހޮސްޕިޓަލާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:00 ގަ އެވެ.

ސަދާގެ ބައްޕަ އަދި ނެޝަނަލް ހޮޓެލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ އެސްކޯ މެމްބަރު ސައުދުﷲ އަހުމަދު ހަސަން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ ހޮސްޕިޓަލް ތަކުން ފަރުވާ ކުޑަވުމުގެ ސަބަބުން އަދި އިހުމާލު ތަކުން ލިބޭ އަނިޔާ ތަކަށް ހައްލެއް ލިބޭނޭ ކަމުގެ ފުރިހަމަ އުއްމީދުގައި މި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ފުވައްމުލަކު ފުނާޑު، ނޫރިފެހި ގޭގެ އުމުރުން ހަ އަހަރުގެ ސަދާ ނިޔާވީ އޮކްޓޯބަރު، 3، 2021 ގައެވެ.

ސަދާ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ އެންމެ ފުރަތަމަ ދިޔައީ ފުވައްމުލަކުގެ ފްލޫ ކުލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލީ އެވެ. ސަދާ މަރުވީ ޑޮކްޓަރަށް ދެއްކުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

އެ މައްސަލަ ބެލުމަށް ފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފައިވެ އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން އެކަމުގައި ގޯސްތަކެއް ހަދާފައިވާ ކަން ހެލްތު މިނިސްޓްރީން ކުރި ތަހުގީގުން ވެސް ވަނީ ހާމަވެފަ އެވެ.

އެ ކުއްޖާގެ ބައްޕަ ސައުދުﷲ "ހުރިހާ"އާ ވާހަކަދައްކަމުން ބުނީ އެ މައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން ވަރަށް ގިނަ ހުރަސްތައް ގިރާކުރަން ޖެހުނު ކަމަށެވެ. އެގޮތުން މެޑިކަލް ކައުންސިލާއި ނާސިން ކައުންސިލްގެ ޑޮކިއުމަންޓް ނިންމަން ހަ މަސް ދުވަސް ހޭދަވި ކަމަށް އޭނާ ބުންޏެވެ.

"އެތައް ފަހަރަކު އާދޭސްކޮށްގެން އެ ޑޮކިއުމަންޓް ލިބުނީ ކުރީގެ މަޖްލިސް ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށްގެން މަޖިލިހަށް ހާޒިރުކޮށްގެން. އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް ހޯދީ ވެސް އެހާ އުނދަގުލުން،" ސައުދުﷲ ބުންޏެވެ.

އޭނާ ބުނީ އެ ރިޕޯޓު ލިބުނީ ޕަބްލިކް އިންޓަރެސްޓް ލޯފާމްގެ އެހީގައި ތިބާ ސައިކޮލޮޖީ ކިޔާ ތަނަކުން ކަމަށެވެ.

"މި ކަހަލަ މައްސަލަތައް ކުރިޔަށް ގެންދަން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެއްބާރުލުން ނުލިބުން. އެކަމަކު އަޅުގަނޑު ބޭނުމެއް ނުވި އެހާ ފަސޭހައިން މިކަން ދޫކޮށްލަން. އެހެންވެ ކޯޓަށް މައްސަލަ ހުށަހެޅީ،" ސައުދުﷲ ބުންޏެވެ.