ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކާއި، ކްލަބުތަކުގެ ފަރިތަކުރުންތައް އަލުން ފެށުމުގެ މަގެއް ހޯދުމުގެ ގޮތުން، ލީގުގައި ވާދަކުރާ ކޮންމެ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ކޮވިޑް-19ގެ ވެކްސިން ޖަހައިފަ އެވެ. މިހާރު މި ކްލަބުތައް ތިބީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމަށް އަލުން ހުއްދަދޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ދިވެހި ޕްރިމިއަރ ލީގުގެ ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ލީގު އަލުން ފެށުމަށް ކްލަބުތަކުން ދަނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަނބަމުން ކަމަށާއި، ލީގު ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ދޭން ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ލީގުގެ އެއް ބުރު ނިމިފައި ވަނިކޮށް، ލީގު މެދުކަނޑާލީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވުމާ ގުޅިގެންނެވެ. އަދި މި ނިންމުމާ ގުޅިގެން ކްލަބުތަކުގެ ފަރިތަކުރުންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ޖެހުމާ ގުޅިގެން، ކްލަބުތަކާއި ކުޅުންތެރިން ވަނީ ޕްރެސް ކޮންފަރެންސްތައް ބާއްވައި، ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެދިފަ އެވެ. އަދި ކްލަބުތަކުން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާ ވެސް ބައްދަލުކޮށްފަ އެވެ.