މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިލޭނިއަމް ކުންފުންޏަށް ދޫކުރި 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް އެ ކުންފުންޏަށް އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުންނާއި ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ އެވެ.
ނަމަވެސް ސިވިލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އެ ފައިސާ ދޭން މިލޭނިއަމްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އެމްއެމްޕީއާރުސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފްވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީން ހައި ކޯޓަށް އާ ލިޔުމެއް ހުށަހެޅުމަށްފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދުނެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު އެ ލިޔުން ހުށަނޭޅި ސަބަބެއް ބުނެދެވިފައެއް ނުވާތީ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.