މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކުރި 163 ވެހިކަލް ޓޯކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްގެން މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ޓޯ ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ކަމަށެވެ.
އެގޮތުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.
އަދި އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން އައިޖީއެމްއެޗްއާ ހަމައަށާއި ބޮޑުތަކުރުފާނު މަގު ސެނެހިޔާއާ ހިސާބުން ފެށިގެން މާގިރި ހޮޓެލްއާ ހަމައަށް ހިމެނޭ ގޮތުން، އިއްޒުދީން މަގު ބަސް ސްޓޮޕް ކައިރި ހުސްކޮށް 79 ވެހިކަލް ޓޯކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ވެހިކަލްތައް ޕާކް ނުކުރަން އެދިފަ އެވެ.
ކާރު ފަދަ ހަތަރު ފުރޮޅުލީ ގަވައިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވުމުގެ ގޮތުން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށައިފަ އެވެ.
މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ޖަހަން ފެށިއިރު، މަގުމައްޗާއި ދުވާރު މަތީގައި ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.