ކާތަކެތި މީރުކޮށްލަން ފިޔާވަރެއް ނޯވެއެވެ. ނަމަވެސް ފިޔާ ގަ އިހިމެނޭ ކާތަކެތި މީރުކޮށްލާ އެ މާއްދާ މީހުން ރޮއްވާލަ އެވެ.

ފިޔާ ކޮށުމަކީ މީހުން އެހާ ކުރާހިތްވާ ކަމެއް ކަމުގައި ނުވަނީ މިސަބަބަށްޓަކަ އެވެ. އެއީ ފިޔާ ކޮށަމުން ދާއިރު ލޮލުން ފެން އަންނާތީ އެވެ. ފިޔާ ނުކޮށިއަސް، ކައިރީގަ ތިބޭ ބައެއް މީހުންނަށް ވެސް މި އަސަރު ކުރެ އެވެ.

ފިޔާ ކޮށާލުމާއެކު ފިޔާގެ ތޮށީގައި ހިމެނޭ ސެލްތަކުން "އެލީލް ސަލްފައިޑް" އަދި "އެންޒައިމް" ތަކެއް ޖައްވަށް ދޫކޮށްލަ އެވެ. މި ދެ މާއްދާއެކުވެގެން އުފެދޭ ގޭހުން، ލޮލުގެ ކަރުނަ ވަޅުގައިވާ ނާރުތަކަށް އަސަރު ކުރުމުން ލޮލުން ފެން އަންނަން ދިމާވެ އެވެ. އެއީ ލޮލުގައި ޖެހުނު ގޭހުގެ އަސަރު ފިލުވާލުމަށްޓަކައި ލޮލުން ކުރާ ކަމެކެވެ.

ފިޔާކޮށާއިރު މިމާއްދާތަށް ޖައްވަށް ދޫވުން ކުޑަ ކުރުމަށްޓަކައި، ފިޔާގެ ސެލްތަށް ހަލާކުވުން ކުޑަކުރުން މުހިންމެވެ. އެކަމަށްޓަކައި ތޫނު ވަޅިއެއް ބޭނުން ކުރެވިދާނެ އެވެ. އަނެއް ގޮތަކީ ފިޔާ ސެލްތަކުން ނިކުންނަ މާއްދާތަށް އެކި ދިމާލަށް ފެތުރުން ކުޑަ ކުރުމަށްޓަކައި ފިޔާ ކޮށުމުގެ ކުރިން ފިނިކޮށްލުމެވެ. ފިޔާގެ މޫ ހިމެނޭބައި ކަނޑާނުލައި މަތީބައި ކޮށުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ފިޔާކޮށާއިރު ލޮލުން ފެން އައުމަކީ ވަރަށް އާއްމުކަމެއް.

ދެވަނަ ކަމަކީ ފިޔާ ކުދިކޮށް ކޮށުމުގެ ކުރިން، ފިޔާ ދެފަޅިއަށް ފަޅާލާފައި ފެނުގެ ތެރޭގައި ފޯކޮށްލުމެވެ. އޭރުން އޭގައި ހުރި މާއްދާތައް ފެނުގެ ތެރެއަށް ފައިބައިގެން ދާނެ އެވެ. އެއަށްފަހު ފެނުން ނަގައި ކޮށާލުމުން ލޮލުން ފެން ފޭބުމުގެ މައްސަލައެއް ނުޖެހޭނެ އެވެ.

މިހާރަކަށް އައިސް ފިޔާކޮށާއިރު އެޅުމަށް ޚާއްސަ ގޮގްލްސް ހުރެ އެވެ. ޚާއްސަކޮށް ކުޑަކުދިން ލައްވާ ފިޔާކޮށާނަމަ، މި ގޮގްލްސް އެޅުވުމުން ލޮލުން ފެން އައުމުން ސަލާމަތްވެވޭނެ އެވެ.