ކައްޓަލައަކީ ޒަމާނުއް ސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައްދައި އުޅުނު، ފަސޭހައިން ލިބެން ހުރި ފަލަމަޑީގެ ބާވަތެކެވެ. އަލުވި އާއިލާގެ މި ފޮނި މީރު ކާނާއަކީ ދިވެހި ކާބަފައިން އެއަށް ބަރޯސާވި ކާއެއްޗެކެވެ. ފެނު ކަށްކައިގެން ހުހަށް ވެސް ކާން ރަނގަޅު ކައްޓަލައަކީ، ހަކުރުގެ ބަލިމީހުންނަށް ވެސް ފައިދާހުރި އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބާގެ ބާވަތް ވެސް ހިމެނެ އެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ވެސް ކައްޓަލައިން ވަރަށް ފައިދާ ކުރެ އެވެ.
ބޮޑު ތިލަދުންމަތި ދެބައި ވީއްސުރެ ހއ. ގެ އަތޮޅުވެރިކަން ކުރަމުން އަންނަ ދިއްދޫ އަކީ ކައްޓަލަ ބޭނުންކޮށްގެން މީރު ކާތަކެތި ތައްޔާރު ކުރުމަށް މަޝްހޫރު ރަށެކެވެ. އީދު ސަޔަށް ޚާއްސަ ކޮށްގެން ތައްޔާރު ކުރާ "ކައްޓަލަ ބޮނޑި" އަކީ އެރަށުގެ ސަގާފީ ހެދިކާތަކުގެ ތެރޭގައި ހިމެނޭ، ފޮނި މީރު ކާ އެއްޗެކެވެ.
"ހުރިހާ" އަށް މައުލޫމަތުން ދެމުން އެރަށު ފިލިގަސްދޮށުގޭ، މަރިޔަމް ސައީދާ ބުނިގޮތުގައި ކަށްޓަލަ ބޮނޑިއަކީ ކާބަފައިން ގެ ޒަމާނުއްސުރެ ވެސް އެރަށުގައި ތައްޔާރު ކުރާ ފޮނިކާ އެއްޗެކެވެ. އަދި ކުޅި ބޯކިބާ ފިހޭގޮތަށް ފިހާ މިކާނާ ތައްޔާރު ކުރުމަށްޓަކައި، ކައްޓަލަ ކުދިކޮށް ކޮށާލާ ކަމަށް އޭނާ ބުންޏެވެ.
ކައްޓަލަ ބޮނޑި ތައްޔާރުކުރާ ގޮތް ކިޔައިދެމުން ސައީދާ ބުނީ ކައްޓަލަ ކޮށުމަށްފަހު މިކްސަރުގައި ހިމުން ކޮށްލަން ޖެހޭނެ ކަމަށެވެ.
"ދެން އޭގެ ތެރެއަށް ގެރިކިރާއި، ކުކުޅު ބިހާއި، އަދި ޅަ ގަބުޅި އެއްކޮށްލައިފައި މޮޑެލާނީ. މިޒަމާނުގައި ގެރިކިރު ބޭނުން ކުރެވުނަސް ކުރީ ޒަމާނުގައި ބޭނުންކޮށް އުޅުނީ ހަކުރު،" އޭނާ ކިޔައިދެމުން ބުންޏެވެ.
ގެރި ކިރު އެޅުމުން ބޮނޑި އަށް މަޑުކަމެއް އަންނަ ކަމަށްވެ އެވެ. ރަހަ މީރުކޮށްލަން ކާފޫރުތޮޅި ވެސް ބޭނުން ކުރެވެ އެވެ
މި ބޮޑި ފިހަނީ އަވަންގައި ކޭކު ފިހާ ޓްރޭއެއްގަ އެވެ. ނޫނީ އުނދުން މަތީގައި ކުޅި ބޯކިބާ ފިހާ ގޮތަށް ތަވައެއްގައި ދެފުށް ދެފުށަށް ޖަހަމުންނެވެ.
"އަބަދުވެސް އިދު ސަޔަށް ކައްޓަލަ ބޮނޑި ފިހާނެ. ދުވަސްވީ މީހުން ހިތްހަމައެއް ނުޖެހޭނެ ކައްޓަލަ ބޮނޑި ނެތިއްޔާ،" ސައީދާ ބުންޏެވެ.