އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް ލިބުނު ރެކޯޑް މިންވަރުގެ ސާފު ފައިދާއެކެވެ.
އެސްޓީއޯގެ މިދިޔަ އަހަރު މާލީ ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓްގެ ދައްވުމެމެކެވެ.
"މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދައްކުރުމުން. އެހެންނަމަވެސް ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއެކު، އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ ތިން ބިލިއަން ރުފިޔާ ލިބިފައި،" އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ. 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެ އެވެ. މިއީ އެސްޓީއޯގެ ތާރީހުގައި ވެސް ރެކޯޑް އަދަދެކެވެ. 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާ އެވެ. މިއީ 12 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެ ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވެ އެވެ. މިއީ ވެސް ރެކޯޑް އަދަދެކެވެ.
އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފަ އެވެ.