ފްރޭންކްފަޓް (20 ޖޫން) – ޔޫރޯގެ ގުރޫޕް ސީގައި މިރޭ އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޔޫރޯގެ ގަދަ 16ގެ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން އިންގްލެންޑަށް ނުހިފުނެވެ.

މި ގުރޫޕްގައި މިރޭ ސްލޮވީނިއާ އާއި ސާބިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާއެކު، މިރޭ ޑެންމާކް އަތުން މޮޅުވެގެން އިންގްލެންޑަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.

އިންގްލެންޑް އިން މެޗު ފެށީ ރަނގަޅަށެވެ. މެޗުގެ 18 ވަނަ މިނިޓުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.

އެހެން ނަމަވެސް، މި ލަނޑަށް ފަހު އިންގްލެންޑްގެ ކޮންޓުރޯލް މެޗުން ގެއްލެން ފެށިއެވެ. މެޗުގެ ދެވަނަ ހާފުގައި ޑެންމާކް އިން ކުރި މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗުގެ މޯޓަން ހިޔުލްމަންޑް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ހިޔުލްމަންޑް ފޮނުވާލި ބާރު ޝޮޓް ގޯލުގެ ތެރެއަށް ވަތްއިރު އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

މުޅި މެޗަށް ބަލާއިރު މި މެޗުގައި ޑެންމާކަށް ލިބުނީ ހައްގު ޕޮއިންޓެވެ. މި މެޗުގައި އިންގްލެންޑް ދެއްކި ކުޅުމާއެކު އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.

އިންގްލެންޑް އޮތީ ހަތަރު ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނައިގައެވެ. ޑެންމާކާއި ސްލޮވީނިއާ ދެ ޕޮއިންޓާއެކު އޮތްއިރު، ސާބިއާ އޮތީ އެއް ޕޮއިންޓާއެކުވެ.