މިއުނިކް (20 ޖޫން) – އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަތުން 1-0 އިން މޮޅުވެ، ސްޕެއިން ޔޫރޯގެ ގަދަ 16ގެ ބުރުގެ ޖާގައެއް މިރޭ ކަށަވަރުކޮށްފި އެވެ.

ޔޫރޯގެ ގުރޫޕް ބީގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ސްޕެއިން ގަދަ 16ގެ ބުރުން ޖާގަ ހޯދީ ދެ މެޗުންވެސް މޮޅުވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. އިޓަލީ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ކްރޮއޭޝިއާ އާއި އަލްބޭނި އޮތީ އެއް ޕޮއިންޓާއެކުއެވެ.

މުޅި މެޗުގައި ވެސް ފެނުނު ހަމައެކަނި ލަނޑަކީ މެޗުގެ 55 ވަނަ މިނިޓުގައި އިޓަލީގެ ރިކާޑޯ ކަލަފިއޯރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެކަމަކު މި ލަނޑުގެ ކުރިން ވެސް ސްޕެއިންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުވެ. މުޅި މެޗުގެ ކުޅުމަށް ބަލާއިރު މި މެޗުގައި ސްޕެއިންއަށް މޮޅެއް ހައްގެވެ. އިޓަލީގެ ގޯލަށް ސްޕެއިން އިން ފޮނުވާލި ބައެއް ހަމަލާތައް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުން ބަލިވިޔަސް އިޓަލީއަށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު އެބައޮތެވެ. ގުރޫޕްގެ ފަހު މެޗުގައި އިޓަލީ އާއި ދެކޮޅަށް ނުކުންނާނީ ކްރޮއޭޝިއާ އެވެ.