ލައިޕްޒިގް (22 ޖޫން) – ޔޫރޯގެ ގުރޫޕް ޑީގައި މިރޭ ފްރާންސް އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗުގައި ނެދަލޭންޑްސްގެ ގޯލެއް ވީއޭއާރް އިން ކެންސަލްކުރުމުން އެކަމާމެދު ވަނީ ބަހުސެއް އުފެދިފަ އެވެ.

މިއީ މި އަހަރުގެ ޔޫރޯގައި ލަނޑެއް ނުފެނި ނިމުނު ފުރަތަމަ މެޗެވެ. މި ގުރޫޕްގައި ނެދާލޭންޑްސް އާއި ފްރާންސްވެސް ހަތަރު ޕޮއިންޓް ހޯދާފައިވާއިރު، އޮސްޓްރިއާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ޕޮއިންޓެއް ނުލިބި އޮތް ޕޯލެންޑް ވަނީ މުބާރާތުން ކަޓައިފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅެނިކޮށް ނޭފަތުގެ ކަށިގަނޑަށް އާނިޔާވެގެން އެ މެޗުގައި ބޭލި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ މިރޭގެ މެޗުގައި ނުކުޅެ އެވެ. އެނާ އިނީ ފްރާންސްގެ ބެންޗުގަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސްގެ ޒަވީ ސިމޮންސް ވަނީ ފްރާންސްގެ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އެކަމަކު ލައިންސްމަން އާއި ރެފްރީ އެންތަނީ ޓޭލާ މަޝްވަރާކުރުމަށްފަހު އޮފްސައިޑް ކަމަށް ނިންމީ ސިމޮންސް ޖެހި ބާރު ޝޮޓް ގޯލަށް އަމާޒުވިއިރު، އޮފްސައިޑް މަގާމެއްގައި ނެދަލޭންޑްސްގެ ޑިފެންޑަރު ޑެނިއެލް ޑަމްފްރީސް ހުރުމުންނެވެ. ރެފްރީން ބެލީ، ޑަމްފްރީސް ހުރި މަގާމުން ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން އަށް އެ ބޯޅަ ދިފާއުކުރަން ހުރަސްއެޅޭނެ ކަމަށެވެ. ވީއޭއާރް އިން ގިނައިރުތަކަކަށްފަހު ނިންމީ އެ ލަނޑު އޮފްސައިޑްވާނެ ކަމަށެވެ.

މި ނިންމުމާމެދު ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއި ތަޖުރިބާކާރުންގެ މެދުގައިވެސް ހިޔާލު ތަފާތެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ އެންޓުއާން ގްރީޒްމަން ވަނީ ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. ފުރަތަމަ ހާފުގައި އެޑްރިއަން ރަބިއޯ އޭރިޔާ ތެރެއިން ގްރީޒްމަންނަށް ބޯޅަ ޖައްސާލި ނަމަވެސް، ގޯލުގެ ބުޑުން ގްރީޒްމަންނަށް އެ ބޯޅަ ކޮންޓުރޯލްކުރެވޭ ގޮތެއް ނުވި އެވެ. އަދި އޭގެ ފަހުން އެންގޯލޯ ކާންޓޭ ތަނަވަސްކޮށްދިން ފުރުސަތުގައި، ގްރީޒްމަން ފޮނުވާލި ޝޮޓް ދިޔައީ ބޭރަށެވެ.