ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން ހިންގީ ޚިޔާނާތާއި ކޮރަޕްޝަން ކަމަށް ވިދާޅުވެ އިދިކޮޅުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާނަށް އިދިކޮޅުން ދޭ ޖަވާބު ހުށައަޅުއްވަމުން މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވީ މި ޚިޔާނާތްތައް ހިންގާފައި ވަނީ ގިނަ ވުޒާރާތައް ގުޅިގެން ކަމަށެވެ.

"ކޮވިޑްގެ ބަލިމަޑުކަމުގެތެރޭގާ ރައްޔިތުން ބިރުން ތިއްބާ، ފާޅުކަން ބޮޑުގޮތެއްގާ ފެނިގެން ދިޔައީ، ގިނަ ވުޒާރާތައް ގުޅިގެން، ވެންޓިލޭޓަރާއި އެހެނިހެން ބައެއް ތަކެތި ހޯދުމުގެ ނަމުގާ ކޮރަޕްޝަންގެ ވަރަށް ބޮޑެތި ޚިޔާނާތްތަކެއް ހިންގިތަން . ކޯވިޑާ ގުޅިގެން އެތައް ކޮރަޕްޝަނެއް ހިންގަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއް ނުހުއްޓުވާ، އަދި ހިންގި ކޮރަޕްޝަންގެ އަމަލުތަކަށް ބީރު ކަންފަތެއް ދިނުމަކީ މިސަރުކާރު ފާސިގުވެފައިވާ މިންވަރު އަންގައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮވިޑްގެ މިޙާލަތުގެ ބޭނުން ނަހަމަގޮތުގައިކޮށް، ސަރުކާރުން ކޮރަޕްޝަންގެ އެކިއެކި ޢަމަލުތައް ހިންގާފައިވާއިރު އެކަންކަން ތަހުގީގު ނުކުރެވުމަކީ އަދި އެ ފަރާތްތަކަށް އަދަބު ނުދެވޭކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަކޮށްދޭކަމެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރު ރާއްޖެ ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން. ރައްޔިތުން ހޮވިކަމަށް ބުނާ ވެރިއަކު މާލިމީއަކަށް ހުރެގެން ވެރިކަމުގެ ނައު ދަތުރުކުރިކަމުގެ އިޙުސާސެއް ރައްޔިތުންނަކަށް ނުކުރެވޭ. ބަދަލު ހިފުމުގެ ރޫޙު އިސްކޮށްގެން، މަލްޓި ޕާޓީ ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގާ މިހާރު ކުރަމުން މިދަނީ ޚުދުމުޚުތާރު އާއިލީ ވެރިކަމެއް،
މައިނޯރިޓީ ލީޑަރު

"ވޭތުވެދިޔަ އަހަރު ރާއްޖެ ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން. ރައްޔިތުން ހޮވިކަމަށް ބުނާ ވެރިއަކު މާލިމީއަކަށް ހުރެގެން ވެރިކަމުގެ ނައު ދަތުރުކުރިކަމުގެ އިޙުސާސެއް ރައްޔިތުންނަކަށް ނުކުރެވޭ. ބަދަލު ހިފުމުގެ ރޫޙު އިސްކޮށްގެން، މަލްޓި ޕާޓީ ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގާ މިހާރު ކުރަމުން މިދަނީ ޚުދުމުޚުތާރު އާއިލީ ވެރިކަމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހުރީ އާރާސްތުކަމެއް ނެތް، ބަނަ ދުނިޔެއަކަށް ކަމަށާއި ގައުމުގެ މިސްރާބު ބަދަލުކޮށް، ދިވެހިރާއްޖެ އަލުން ދިވެހިންނަށް ހޯދައިދިނުމަށްޓަކައި، ދިވެހި ރައްޔިތުންގެ ޙައްގުގައި، ދިވެހި ރައްޔިތުންނާއެކުގާ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވާދަވެރި އޮޕޮޒިޝަން އަބަދުވެސް ތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ސަރުކާރުން ބުނާއިރު، އެފައިސާ ދޫކޮށްފައިވަނީ ދެފުށް ފެންނަ، އިންސާފުވެރި، ހަރުދަނާ ނިޒާމެއް ގާއިމުނުކޮށް ކަމަށާއި އެ ފައިސާ ދޫކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މީހުންނަށްކަމަށް ޢާންމުން ދެކޭ ކަމަށްވެސް ސަލީމް ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތްތަނުގައި ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާކަންކަމުގެ އިތުބާރު ރައްޔިތުންނަށް، ދެފުށް ފެންނަގޮތަށް ކަންކަން ތަރުތީބު ކުރުމާއެކު، ފަތުރުވެރިކަމުގެތެރޭގައި ވަޒީފާ ގެއްލުނު ޒުވާނުންގެ ވަޒީފާ ލިބެމުންދާކަން ކަށަވަރު ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.